05 ޖޫން 2018 - 16:02

ދޯހާ (ޖޫން 5) - ރަޝިޔާ އިން މިސައިލް ޑިފެންސް ސިސްޓަމް ގަންނާތީ ގަތަރަށް ހަމަލާ ދޭނެ ކަމަށް ސައުދީ އަރަބިއާ އިން ބުނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލްތަކާ ޚިލާފު ކަމެއް ކަމަށް ގަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ އެވެ.
"އަސްކަރީ ހަތިޔާރު ހޯދުމަކީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ހައްގެއް،" އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވި އެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަށް ސައުދީ ރަސްގެފާން ސަލްމާން ފޮނުއްވި ސިޓީއެއްގައި ވަނީ ރަޝިޔާ އިން އެންމެ ޒަމާނީ ފެންވަރުގެ އެސް-400 އެއާ ޑިފެންސް ސިސްޓަމް ގަތަރުން ގަތުން ހުއްޓުވައި ދިނުމަށް އެދިފަ އެވެ. އަދި ގަތަރުން އެ ސިސްޓަމް ގަންނަ ނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް ރަސްގެފާން ވަނީ އިންޒާރު ދެއްވައިފަ އެވެ.
ޝެއިޚް މުހައްމަދު ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިޓީ އަކީ އެއްވެސް އަސްލެއް ނެތް އެއްޗެއް ކަމަށާއި ގަތަރަކީ ސައުދީ އަށް ބިރަކަށް ނުވާ އިރު ހަމަލާ ދޭނެ ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ސައުދީން ފޮނުވި ސިޓީއާ ގުޅޭ މައުލޫމާތު ފްރާންސުން ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސިޓީގެ ސައްހަކަން ބެލުމަށް ފަހު ގަތަރަށް ވެސް އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.
މިއަދަކީ ގަތަރާ ދެކޮޅަށް ސައުދީ އިސްވެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިތާ އެއް އަހަރު ފުރުނު ދުވަހެވެ. ސައުދީގެ އިތުރުން ބަހުރާން، ޔޫއޭއީ އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލީ މިދިޔަ ޖޫން މަހު 5 ވަނަ ދުވަހު އެވެ.