05 ޖޫން 2018 - 15:30

ސިންގަޕޫރު (ޖޫން 5) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަންނަ ހަފުތާގައި ބާއްވާ ސަމިޓުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ އިރު ސިންގަޕޫރުގެ ސަންތޯސާ އޭރިއާ މިއަދު ބަންދުކޮށްފި އެވެ.
ވައިޓް ހައުސް އިން ބުނީ ސަމިޓް އޮންނާނީ ޖޫން 12 ވަނަ ދުވަހު ސިންގަޕޫރު ގަޑިން ހެނދުނު 9 ޖަހާއިރު ކަމަށެވެ. ސަމިޓް ބާއްވަން ހަފުތާއަކަށްވީ އިރު ވެސް ސަމިޓާ ގުޅޭ ތަފްސީލްތައް އާއްމުކޮށްފައެއް ނުވެ އެވެ. ސިންގަޕޫރުގައި ސަމިޓް ބާއްވާނެ ތަނެއް ވެސް އެމެރިކާ އިން އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ސިންގަޕޫރު ސަރުކާރުން މިއަދު ވަނީ ސަންތޯސާ ވަށައިގެންވާ ސަރަހައްދަކީ ޖޫން 10-14 އަށް "ޚާއްސަ އިވެންޓް އޭރިއާ"އެއްގެ ގޮތުގައި ގެޒެޓްކޮށްފަ އެވެ. އަދި ޚާއްސަ ހުއްދައެއް ލިބިގެން ނޫނީ އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަމިޓުގެ އެޖެންޑާގެ މައިގަނޑު އެއް ކަމަކީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މައްސަލަ އެވެ.
ވައިޓް ހައުސްގެ ތަރުޖާން ސާރާ ސެންޑާސް ވިދާޅުވީ ސަމިޓަށް ތައްޔާރުވުމަށްޓަކައި އެމެރިކާގެ އޮފިޝަލުން މިހާރު ތިބީ ސިންގަޕޫރުގައި ކަމަށެވެ. އޭގެ ތެރޭގައި ސެކިއުރިޓީ، މިލިޓަރީ އޮފިޝަލުންނާއި މެޑިކަލް ސްޓާފުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.