05 ޖޫން 2018 - 14:13

މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް މިއަދު ކަނޑައަޅާފައިވާ ކަމަށާއި އެކަމަކު އެ ދުވަސް އާންމު ކުރާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި، އެ އިންތިޚާބު ބާއްވާނެ ދުވަސް ކަނޑައެޅި ކަމަށެވެ.
"އެކަމަކު، އަޅުގަނޑުމެން ނިންމީ އިންތިޚާބާ ގުޅޭ ކަންކަމަށް ގައުމީ ލަފާދޭ ކޮމެޓީ އާއި ސިޔާސީ ޕާޓީތަކާ އެކު އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޚާއްސަ ހަފުލާއެއްގައި ދުވަސް [އިންތިޚާބުގެ ތާރީޚު] އިއުލާން ކުރަން،" އަކްރަމް ވިދާޅުވި އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ އިދާރީ މަސައްކަތުގެ ގާތްގަނޑަކަށް 90 ޕަސަންޓު ނިމިފައިވާ ކަމަށެވެ. އަދި އިންތިޚާބަށް ގާއިމް ކުރަންޖެހޭ ގައުމީ ލަފާދޭ ކޮމެޓީ އާއި ކޮމްޕްލެއިންސް ބިއުރޯ އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު މި މަހު ހާމަކޮށް، ރީ ރަޖިސްޓްރޭޝަނަށް ހުޅުވައިލާނެ އެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.
ރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިކާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.