05 ޖޫން 2018 - 13:39

ގާނޫނު އަސާސީގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާފައި އޮތްގޮތުން އެކަން ވެގެން ގޮސްފައިވަނީ ގާނޫނީ ގިނަ ބޭފުޅުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ކަންބޮޑުވުމާއި ފާޅުކުރި ކަމަކަށެވެ. ޖޭއެސްސީގެ ކޮމިޝަންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންނަކީ ސިޔާސީ ގޮތުން އައްޔަން ކުރެވޭ މެމްބަރުންތަކެއް ކަމަށްވުމަކީ ގިނަ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިހާރު ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން އޭނާ ހުށަހަޅުއްވާ ޚިޔާލު އާންމު ކުރައްވައިފަ އެވެ. އެކަމުގައި ސުއޫދުގެ އެންމެ ފުރަތަމަ ޚިޔާލަކީ މިހާރު 10 މެމްބަރުން ތިއްބެވި އެ ކޮމިޝަންގެ މެމްބަރުންގެ އަދަދު ތިނަކަށް ދަށް ކުރުމެވެ. އަދި އެ ކޮމިޝަނަށް އައްޔަން ކުރާ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާ ނަންތަކުގެ ތެރެއިން އައްޔަން ކުރެވޭ މެމްބަރުން ކަމަށް ހެދުމަކީ ވެސް ސުއޫދު ހުށަހަޅުއްވާ ޚިޔާލެވެ.
ސުއޫދުގެ ހުށަހެޅުއްވުމުގައި ވާ ގޮތުން ޖޭއެސްސީއަށް އައްޔަން ކުރާ ތިން މެމްބަރުންނަކީ ވެސް އުމުރުން 60 އަހަރު ފުރިފައިވާ އަދި އަމާނާތްތެރި އަދި އަބުރުވެރި ދިރިއުޅުމެއް އުޅެމުންދާ މީހުން ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ ބައެއް ކަމުގައިވާން ޖެހޭނެ އެވެ. އަދި މަކަރާއި ހީލަތް ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.
މީގެ އިތުރުން ކުރިން އުއްތަމަ ފަނޑިޔާރު ކަން ނުވަތަ މަޖިލީހުގެ ރައީސް ކަން ނުވަތަ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަން ނުވަތަ ޔުނިވާސިޓީއެއްގެ ޗާންސެލަރު ކަން ނުވަތަ ވައިސް ޗާންސެލަރު ނުވަތަ ރެކްޓާ ކަން ކޮށްފައިވުން ނުވަތަ ޔުނިވާސިޓީއެއްގައި ކިޔަވަައި ދިނުމުގެ ވަޒީފާއެއްގައި މެދުކެނޑުމެއް ނެތި 20 އަހަރު ހޭދަ ކޮށްފައި ވުމަކީ ވެސް ސުއޫދުގެ ހުށަަހެޅުއްވުމުގައި ޖޭއެސްސީގެ މެމްބަރު ކަމުގެ ޝަރުތެކެވެ.
ޖޭއެސްސީގައި މިހާރު މަގާމުގައި ހައިސިއްޔަތުން ތިއްބަވާ މެމްބަރުން ފިޔަވައި އެހެން ބޭފުޅުންނަކީ ފަސް އަހަރަށް އައްޔަން ކުރެވޭ މެމްބަރުން ކަމަށް ވިޔަސް، ސުއޫދުގެ ހުށަހެޅުއްވުމަކީ އެ ކޮމިޝަންގެ މެމްބަރު ކަމުގެ މުއްދަތު ދެ އަހަރަށް ކުރު ކުރުމެވެ. އަދި އެއް ދައުރަށް ވުރެ އިތުރަށް އެއްވެސް މީހަކު އެ ކޮމިޝަނަށް އައްޔަން ކުރުން މަނާ ކުރުން ވެސް ސުއޫދުގެ ހުށަހެޅުއްވުމުގައި ހިމެނެ އެވެ.
ކުރިން ޖޭއެސްސީގެ މެމްބަރު ކަން ވެސް ކުރެއްވި ސުއޫދުގެ ޚިޔާލުގައިވާ ގޮތުން އެ ބަދަލު އެގޮތަށް ހުށަހެޅުއްވުމުގެ ބޭނުމަކީ ޖޭއެސްސީގެ މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އެޅެނީ ސިޔާސީ ގޮތުން އެ ކޮމިޝަނަށް އައްޔަން ވެފައި ތިބޭ މެމްބަރުންގެ ސަބަބުން ކަމަށްވާތީ އެވެ. އެހެންވެ އެފަދަ މެމްބަރުންނަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ސުއޫދު ލިޔުއްވާފައިވެ އެވެ.
ސުއޫދު ވިދާޅުވާ ގޮތުން އޭނާ އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓް ކުރުން ފަނޑިޔާރުން ކުރާ ގޮތަށް ހެދުމަށެވެ. އެކަމަކު ރާއްޖޭގެ ކަންކަން އޮތްގޮތުން ފަނޑިޔާރުން ރެގިއުލޭޓް ކުރުމަށްޓަކައި ޖޭއެސްސީގައި ފަނޑިޔާރުން ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.
ސަބަބެއްގެ ގޮތުގައި ސުއޫދު ލިޔުއްވާފައިވަނީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި، ފަނޑިޔާރުންގެ އަދަދުު މަދުވުމުން އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސްޖެހޭ ކަމަށް އޭނާގެ ތަޖްރިބާއިން ފެނިވަޑައިގެންފައި އޮތުމެވެ. އަދި ޖޭއެސްސީގައި ތިބޭ ސިޔާސީ ބޭފުޅުންނާއި އެ ކޮމިޝަންގައި ތިބޭ ފަނޑިޔާރުންނާއި ގުޅުން ބަދަހިވެ، އެހީތެރިވެ ދީފައި އެބަހުރި ކަމަށާއި އެއީ ޖޭއެސްސީގައި ފަނޑިޔާރުން ތިބެގެން ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ސަބަބު ކަމަށް ސުއޫދު ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން އުމުރުން ހަގު ބޭފުޅުން ޖޭއެސްސީގައި މަސައްކަތް ކުރުމުން، ފަހުން ސިޔާސީ މަގާމެއް ހޯދުމަށް ނުވަތަ ފަނޑިޔާރު ކަމަށް އައުމުގެ ބޭނުމުގައި ޖޭއެސްސީގެ ނިންމުންތައް ނިންމުމުގައި އެހީތެރިވާ ކަމަށް ސުއޫދު ދެކެވަޑައިގަންނަވަ އެވެ. އަދި ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލުކުރާ ބައެއް މެމްބަރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުރި ކަމަށް ވިދާޅުވެ، ސުއޫދު ލިޔުއްވާފައިވަނީ އެ ކޮމިޝަންގައި ވަކީލުންގެ ތެރެއިން މެމްބަރަކު ހުރުމަކަށް ވެސް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.