27 ޖުލައި 2016 - 11:03

ނައިރޯބީ (ޖުލައި 27) - އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ކަމަށް ރައީސް ބަރަކް އޮބާމާގެ އެއްބަފާ ބޭބެ މާލިކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ކެންޔާގައި އޮބާމާގެ އާއިލާ ދިރިއުޅޭ ކޮގެލޯ އަވަށުގައި ހުރެ އޭއެފްޕީ އަށް ފޯނުން ވާހަކަ ދައްކަވަމުން މާލިކު ވިދާޅުވީ ޓްރަމްޕުގެ ސިޔާސަތު އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ. އަދި ޓްރަމްޕަކީ ވަރަށް ތެދުވެރި ހިތުގެ އަޑިން ވާހަކަ ދައްކަވާ މީހެއް ކަމަށް ވެސް މާލިކު ވިދާޅުވި އެވެ.

މާލިކަކީ 1985 ވަނަ އަހަރުން ފެށިގެން ވޮޝިންޓަނުގައި ދިރިއުޅުއްވަމުން އައި މީހެކެވެ. އޭނާ ވަނީ ތަފާތު ކުންފުނިތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ އަކީ އެމެރިކާ އާއި ކެންޔާގެ ރައްވެހިކަން ވެސް އޮންނަ މީހެކެވެ. މާލިކު ވިދާޅުވީ 1980ގެ އަހަރުތަކުން ފެށިގެން އެމެރިކާގައި ބޭއްވި ހުރިހާ އިންތިޚާބެއްގައި ވޯޓުދީފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާ އަށް މުސްލިމުން ވަނުން މަނާ ކުރަން ޓްރަމްޕު ވިދާޅުވާ ބަހުގެ މާނަ އޭނާ އަށް އެނގޭ ކަމަށާއި އިސްލާމުންގެ ނަމުގައި ތިބެ ހަމަލާ ދީ މީހުން ނުމެރޭނެ ކަމަށެވެ.
އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އޮބާމާ އަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް މާލިކު ވިދާޅުވި އެވެ. އަދި އޮބާމާ އަށް އެމެރިކާގެ ރައީސްކަން 2008 ވަނަ އަހަރު ލިބިވަޑައިގަތުމުން އާއިލާ އިން ވަރަށް ފޮނި އުއްމީދުތަކެއް ކުރި ނަމަވެސް އެކަމަކު އާއިލާއާ އޮބާމާ މާބޮޑު ގުޅުމެއް ބާއްވަވާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މާލިކު ވަނީ ވައިޓްހައުސް އަށް ޒިޔާރާތް ކުރައްވައިފަ އެވެ.
މާލިކު ވިދާޅުވީ އޭނާގެ ކޮއްކޮ އަށް ފާޑު ކިޔަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށެވެ. އަދި ކޮއްކޮ ދެކެ ލޯބިވާ ކަމަށް ވެސް މާލިކު ވިދާޅުވި އެވެ.
އޮބާމާ މިދިޔަ ޖުލައި މަހު ވަނީ ކެންޔާ އަށް ވަޑައިގެންފަ އެވެ. ނަމަވެސް އޮބާމާގެ އާއިލާ ދިރިއުޅޭ ކޮގެލޫ އަށް ޒިޔާރަތް ކުރައްވައިފައެއް ނުވެ އެވެ. ނަމަވެސް ރައީސްކަމުގެ ދައުރު ހަމަވުމުން ގިނަގިނަ އިން ކެންޔާ އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
މާލިކު ވިދާޅުވީ އޮބާމާގެ އެހީތެރިކަން އާއިލާ އާއި ކެންޔާ އަށް އެންމެ ބޮޑަށް ބޭނުންވާނީ ވެރިކަމުގައި އޮބާމާ ހުންނަވާ އިރު ކަމަށާއި ވެރިކަމުން ފައިބައި ވަޑައިގަތުމުން ނޫން ކަމަށެވެ.