26 ޖުލައި 2016 - 18:05

މިނިވަން ދުވަސް ފާހަގަކުރަމުން އަންނައިރު، ރާއްޖޭގައި އަސާސީ ހައްގުތަކާއި މިނިވަންކަމަށް ފުރުސަތު ދޭން ޔޫރަޕުން ބާރުއަޅައިފި އެވެ.
ޔޫރަޕްގެ އިއްތިހާދު (އިޔޫ)ން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އެ ޖަމާއަތުން އޮތީ އަސާސީ ހައްގުތަކާއި މިނިވަންކަން ދަމަހައްޓަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ އެކުގަ އެވެ. ޖުމްލަ 28 ގައުމު ހިމެނޭ އީޔޫން ވަނީ ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވެސް ކިޔާފަ އެވެ.
ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގުތަކާއި މިނިވަންކަން ދެމެހެއްޓޭނެ ކަމުގެ އުއްމީދު ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކުރި އަށް އޮތް އަހަރު އެ ހައްގުތައް ފުޅާވާނެ ކަމަށް ވެސް އުއްމީދު ކުރައްވާ ކަމަށެވެ.
އީޔޫ އާއި އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ވެސް ގިނަ ގައުމުތަކާއި ޖަމާއަތްތަކުން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑު ކިއަމުންނެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވުމާއި އަސާސީ ހައްގުތައް ގެއްލެމުން ދާ މައްސަލަ އެ ފަރާތްތަކުން ހާއްސަކޮށް ފާހަގަކުރެ އެވެ. މިހާރު އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ އެވެ.
އެކަމަކު، ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ބޭރުގެ ފަރާތްތަކުން އުޅެނީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ދެއްވި ހިތާބުގައި ވެސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީ އާއި ގާނޫނީ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން މަރުގެ ހުކުމަކީ މި ވަގުތު އެ މަނިކުފާނުގެ ބާރުގެ ދަށުގައިވާ ކަމެއް ނޫން ކަމަށެވެ. ގަސްދުގައި މީހަކު މަރާލާ މައްސަލަތަކުގައި އިސްލާމްދީނުގައި ގާތިލަށް ކަނޑައަޅާފައިވާ ހުކުމަކީ މަރު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ، ސީދާ ކީރިތި ގުރުއާނުގެ ސާފު ނައްސުން ބަޔާންކުރެވިފައިވާ ކަމެއް. އެހެންކަމުން، ގާނޫނީ އޮނިގަނޑު ތަންފީޒުކުރުމަށް މަރުގެ އަދަބު ތަންފީޒުކުރުމަކީ ކުރަންޖެހިފައި އޮތްކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެހެން ގައުމުތަކުގެ ދާހިލީ މިނިވަންކަމަށް އިހުތިރާމް ކުރާ ފަދައިން އެހެން ގައުމުތަކުން ވެސް ދާހިލީ މިނިވަންކަމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. ދާހިލީ ކަންކަމުގެ ތެރެ އަށް އެހެން ގައުމުތަކުން ވަންނަ ނަމަ، ހީނުކުރާ ވަރުގެ ބޮޑެތި ނުފޫޒުތަކަށް ގައުމު ހުޅުވާލުމުގެ ޖާގަ ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.