ވޯލްޑް ކަޕުގެ ތާރީހުން ޖާގަ ހޯދަން ބޭނުން: ކޭހިލް
ވޯލްޑް ކަޕުގެ ތާރީހުން ޖާގަ ހޯދަން ބޭނުން: ކޭހިލް

ސިޑްނީ، އޮސްޓްރޭލިއާ (ޖޫން 5) - މި ފަހަރު ވޯލްޑް ކަޕަށްދާ އޮސްޓްރޭލިއާ ޓީމުގައި ހިމެނުމަކީ މުބާރާތުގެ ތާރީހުން ޖާގަ ހޯދަން ހުޅުވުނު ދޮރެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ތަޖުރިބާކާރު ފޯވާޑް ޓިމް ކޭހިލް ބުނެފި އެވެ.

ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ހަތަރު މުބާރާތެއްގައި ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އާއި ޖަރުމަނުގެ ދެ ފޯވާޑުން ކަމަށްވާ އުވޭ ސީލާ އަދި މިރޮސްލާވް ކްލޯސާ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ކޭހިލްގެ ހަތަރު ވަނަ ވޯލްޑް ކަޕެވެ. އޭނާ ވަނީ ކުރިން ތިން މުބާރާތުގައި ލަނޑު ޖަހައިފަ އެވެ.

"ވޯލްޑް ކަޕަށްދާ ޓީމުން ޖާގަ ލިބުނީ ވަރަށް މަސައްކަތުން. އަހަރެން ދޮގެއް ނުހަދާނަން. މި ފަދަ ބޮޑު މުބާރާތެއްގެ ތާރީހުން ފުރުސަތު ހޯދަން އަހަރެން މަސައްކަތް ކުރާނަން،" އުމުރުން 38 އަހަރުގެ ކޭހިލް ބުންޏެވެ.

އޮސްޓްރޭލިއާ ޓީމަށް 105 މެޗުން 50 ގޯލު ޖަހައިދީފައިވާ ކޭހިލް އަކީ އެ ޓީމަށް އެންގެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ކޭހިލް އަށް ޓީމުން ފުރުސަތު ހައްގުވާ ކަމަށް އޮސްޓްރޭލިއާގެ ކޯޗު ބާޓް ވެން މާވިކް ވަނީ ބުނެފަ އެވެ.

"ކޭހިލް އެއީ ހާއްސަ ހާލަތެއް. އޭނާ އަކީ މި ގައުމުގެ ފުޓްބޯޅައިގައި ހާއްސަ ކުޅުންތެރިއެއް. އޭނަގެ އުމުުރުން 38 އަހަރު. އެކަމަކު އެއީ މި އުމުރުގައި އެންމެ މޮޅު އެއް ކުޅުންތެރިއާ. ތަފާތު މޮޅު ފޯވާޑެއް. ތަޖުރިބާ ވެސް މުއްސަނދި އޭނާ އަށް މި ޓީމުގައި ކުރެވޭނެ ގިނަ ކަންތައް އެބަހުރި،" ވެން މާވިކް ބުންޏެވެ.

މި އަހަރު ޖެނުއަރީ މަހު ކޭހިލް ވަނީ އޭނާގެ ކުރީގެ ކްލަބް މިލްވޯލަށް ބަދަލުވެފަ އެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ މިލްވޯލުގައި ކޭހިލަށް ކުޅުމުގެ ފުރުސަތު އެހާ ގިނައިން ނުލިބެ އެވެ.

މި މަހު 14 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިއާ އޮތީ ފްރާންސާއި ޕެރޫ އަދި ޑެންމާކާ އެކު ގްރޫޕް ސީގަ އެވެ.