މުޒާހަރާތައް ވަރުގަދަވުމުން ޖޯޑަންގެ ސަރުކާރު އިސްތިއުފާ ދީފި
މުޒާހަރާތައް ވަރުގަދަވުމުން ޖޯޑަންގެ ސަރުކާރު އިސްތިއުފާ ދީފި

އައްމާން (ޖޫން 5) - ތަކެތީގެ އަގު ބޮޑުވާތީ ޖޯޑަންގެ ރައްޔިތުން ކުރަން ފެށި އިހްތިޖާޖަށް އިޖާބަ ދިނުމުގެ ގޮތުން ބޮޑު ވަޒީރު ހާނީ މުލްކީގެ ސަރުކާރު އިސްތިއުފާ ދީފި އެވެ.

މުޒާހަރާތައް ވަރުގަދަވުމުން ޖޯޑަންގެ ސަރުކާރު އިސްތިއުފާ ދީފި
މުޒާހަރާތައް ވަރުގަދަވުމުން ޖޯޑަންގެ ސަރުކާރު އިސްތިއުފާ ދީފި

ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހު ކުރި މުޒާހަރާތަކުގައި ފުލުހުންނާ ވަނީ ބަޔަކު ކުރިމަތިލުންތައް ހިންގައިފަ އެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރަން ވަނީ ފުލުހުން ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ.

މުޒާހަރާ އަށް ރައްޔިތުން ނުކުތީ ޕާލަމެންޓަށް ހުށަހަޅަން ނިންމާފައިވާ ބިލުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދާނެތީ އެވެ. އޭގެ އިތުރުން އެ ބިލުގައި ވަނީ އާމްދަނީގެ ޓެކްސް ބޮޑު ކުރަން ވެސް ހުށަހަޅައިފަ އެވެ. ބޮޑު ވަޒީރު ވަނީ އެ ބިލް އަނބުރާ ގެންނަން ދެކޮޅު ހަދައިފަ އެވެ.

ބޮޑު ވަޒީރު މުލްކީ އެ އިސްލާހުތައް ގެންނަން ހުށަހެޅީ އައިއެމްއެފް އިން ލަފާގެ މަތިިންނެވެ. ޖޫން، 2016 ގައި ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މުލްކީ އަކީ ކުރީގެ ޑިޕްލޮމެޓެކެވެ. ކުރީގެ ބޮޑު ވަޒީރު ފައުޒީ މުލްކީގެ ދަރިކަލުން މުލްކީ ވަނީ ވަޒީރުކަން ވެސް ކުރައްވައިފަ އެވެ.

ރަސްގެފާން އަބްދުﷲ އިއްޔެ ވަނީ ހުސައިނިއްޔާ ގަނޑުވަރަށް މުލްކީ ހާޒިރުކޮށް އިސްތިއުފާ ދިނުމަށް ދަންނަވައިފަ އެވެ. މުލްކީގެ އިސްތިއުފާ އަށް ފަހު ރަސްގެފާން މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓަރު އަދި ވޯލްޑް ބޭންކުގެ ކުރީގެ އިކޮނޮމިސްޓެއް ކަމަށްވާ އުމަރު އަލް ރައްޒާޒަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދެއްވައިފަ އެވެ.

ޖޯޑަންގެ ޕާލަމެންޓުން މިހާރު ވަނީ ޚާއްސަ ބައްދަލުވުމެއް ބާއްވާ ޓެކްސް ބިލާ މެދު ގޮތެއް ކަނޑައަޅަން ނިންމައިފަ އެވެ. ޕާލަމެންޓުން ގިނަ މެންބަރުން އެ ބިލާ ދެކޮޅު ހަދަ އެވެ.