05 ޖޫން 2018 - 12:01

ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމެއް ނެތި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ މައްސަލަތަކުގައި ހެކިބަސް ސިއްރުން ނެގުމާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމާ ގުޅޭ ގޮތުން އޮތް ބޮޑު ސިއްރަކީ އެކަން ކުރެވެނީ ގާނޫނާ އެއްގޮތަށް ނޫން ކަން ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތް ގޮތުން ސިއްރުން ހެކިބަސް ނެގެނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އެކަނި ކަމަށް ވާ އިރު، މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާ ބެހޭ ހާލަތްތަކެއް ބަޔާން ކޮށްފައި ނެތުމެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނެފައި ވަނީ ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކިން ހާޒިރު ކޮށްގެން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވިޔަސް، ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހާ ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނަކީ މީގެ 40 ވަރަކަށް އަހަރު ކުރިން ހަދާފައިވާ އޮތް ގާނޫނެކެވެ. ޖުމްލަ ހަތް މާއްދާގެ މައްޗަށް އެކުލެވިފައި އޮތް އެ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާއި ހެކިވެރިންނަށް ހިމާޔަތް ދިނުމާ ބެހޭ މާއްދާއެއް ނޯވެ އެވެ.
ހެއްކާ ބެހޭ އާ ގާނޫނެއް ހެދުމަށްޓަކައި ސަރުކާރުން މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފަ އެވެ. ސިއްރުން ހެކިބަސް ނެގުމާއި ހެކިވެރިންނަށް ހިމާޔަތް ދިނުމާ ބެހޭ އުސޫލު ހިމަނާފައިވާ އެ ބިލް މިހާރު އޮތީ މަޖިލީހުުގެ ކޮމެޓީ މަރުހަލާގަ އެވެ.
ސިއްރުން ހެކިބަސް ނެގުމާ ގުޅޭ ގޮތުން ކުރީގެ އުއްތަމަ ފަނޑިިޔާރު އަހުމަދު ފާއިޒް ހުސައިނާއި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އެ ކަމުގައި ހުރި ކަންބޮޑުވުންތައް ފާޅު ކުރައްވައިފަ އެވެ.