05 ޖޫން 2018 - 11:20

މެންޗެސްޓާ (ޖޫން 5) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވި މެޗުގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަމަލުކުރި ގޮތުގެ ސަބަބުން ޔުއެފާ އިން އޭނާ އެ މުބާރާތުގެ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.
ދެ ވަނަ ލެގުން ލިވަޕޫލް 2-1 އިން މޮޅުވި މެޗުގެ ހާފް ޓައިމްގައި ގާޑިއޯލާ ބެންޗުން ފޮނުވާލި ރެފްރީންގެ ނިންމުމަކާ މެދު މައްސަލަ ޖެއްސުމުންނެވެ. އޭނާ ހިތްހަމަނުޖެހުނީ ސިޓީން ޖެހި ގޯލެއް ބަލައިނުގަތުމުންނެވެ. އެކަމަކު ގާޑިއޯލާ ބުނީ ރެފްރީ އަށް ބަދުބަހެއް ބުނެފައިނުވާނެ ކަމަށެވެ.
އޭނާ އަންނަ ސީޒަނުގެ ފުރަތަމަ މެޗަށް ސަސްޕެންޑްވެފައިވާއިރު ދެ ވަނަ މެޗުގެ ސަސްޕެންޝަނަށް އަމަލުކުރާނީ އަހަރެއް ފަހުންނެވެ. އެކަމަކު އެވެސް އަހުލާގީ އިތުރު މައްސަލައެއް ދިމާވެއްޖެ ނަމަ އެވެެ.
ޔުއެފާ އިން ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ލިވަޕޫލުގެ ސަޕޯޓަރުންގެ ފަރާތުން ފެނުނު އަމަލުތަކާ ގުޅިގެން އެ ކްލަބް 30،000 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ.
ފުރަތަމަ ލެގުން 3-0 އިން ލިވަޕޫލް މޮޅުވިއިރު ދެ ލެގުގެ އެގްރިގޭޓުން އެ ޓީމު ކުރި ހޯދީ 5-1 އިންނެވެ. ސެމީ ފައިނަލުގައި ރޯމާ ބަލިކުރުމަށް ފަހު ލިވަޕޫލް ފައިނަލަށް ދިޔަ ނަަމަވެސް ފައިނަލުން ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވީ އެވެ.