09 ޖޫން 2018 - 09:06

ރީޒް ވިދަސްޕޫޓް ފިޔާތޮށި ކުލައިގެ ކޮސްޓިއުމްތަކާ އެކު ފެނިގެން ގޮސްފައިވާ މަޝްހޫރު ފްރެންޗައިޒް "ލީގަލީ ބްލޮންޑް" ގެ ތިން ވަނަ ބައެއް ވެސް ގެނެސް ދޭން ނިންމައިފި އެވެ.
ޒުވާން އަންހެނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި މި ރޮމޭންޓިކް ކޮމެޑީގެ ތިން ވަނަ ފިލްމާ އެކު ރީޒް ކުޅޭ ލޯޔަރެއް ކެރެކްޓާއިން ބޮޑު ސްްކްރީނަށް އަންނަ އިރު، ފިލްމް ގެނެސް ދޭނީ ރީޒްގެ އަމިއްލަ ފިލްމް ކުންފުނި ހެލޯ ސަންޝައިނާއި އެމްޖީއެމް ގުޅިގެންނެވެ.
"ލީގަލީ ބްލޮންޑް"ގެ ތިން ވަނަ ބައިގެ ސްކްރީޕްލޭ ވެސް ލިޔަން ކުރީގެ ދެ ބައި ލިޔުނު ކްރިސްޓެން ސުމިތާއި ކަރެން މެކްކުލާއާ މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ.
ނަމަވެސް ފިލްމް މި ފަހަރު ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ނޭނގެ އެވެ. އަދި ރީޒްއާ އެކު ކާސްޓުންގެ ތެރޭގައި ކުރީގެ ކާސްޓް ހިމެނޭކަން ވެސް ސާފެއް ނޫނެވެ.
ދެހާސް އެކެއްގައި ރިލީޒް ކުރި "ލީގަލީ ބްލޮންޑް" ރޮބަޓް ލުކެޓިކް ޑައިރެކްޓް ކުރި އިރު، "ލީގަލީ ބްލޮންޑް 2: ރެޑް، ވައިޓް އެންޑް ބްލޮންޑް" ޑައިރެކްޓް ކުރީ ޗާލްސް ހާމަން-ވާމްފެލްޑް އެވެ.
މި ދެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ އަށް ބަލާ އިރު 18 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފުރަތަމަ ބަޔަށް 141.8 މިލިއަން ޑޮލަރު ލިބުނެވެ. ދެވަނަ ބައި ހަދަން 45 މިލިއަން ޑޮލަރު ހޭދަ ކުރި އިރު، ބޮކްސް އޮފީހުގައި އެ ފިލްމަށް ލިބުނީ ފުރަތަމަ ބަޔަށް ވުރެ ކުޑަ އާމްދަނީއެކެވެ. އެއީ 124.9 މިލިއަން ޑޮލަރެވެ.
އެޗްބީއޯގެ ސިލްސިލާ "ބިގް ލިޓްލް ލައިސް" ގެ ކާސްޓުންގެ ތެރޭގައި ވެސް ހިމެނޭ ރީޒް އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މި އަހަރު ރިލީޒް ކުރި ޑިޒްނީގެ "އަ ރިންކަލް އިން ޓައިމް" އެވެ.