05 ޖޫން 2018 - 11:08

ރިޔާޒް (ޖޫން 5) - ސައުދީގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ޑްރައިވިން ލައިސަންސް ދޫކުރަން ފަށައިފި އެވެ.
ސައުދީގައި އަންހެނުންނަށް އެއްގަމު އުޅަނދުތައް ދުއްވުން މަނާކޮށްފައި އޮތް އޮތުމަށް މި މަހު 24 ވަނަ ދުވަހުން ފެށިގެން ނިންމުން އަންނާނެ އެވެ.
ޖެނެރަލް ޓްރެފިކް ޑައިރެކްޓަރޭޓުން އިއްޔެ ވަނީ އަންހެނުންނަށް ޑްރައިވިން ލައިސަންސް ދޫކުރަން ފަށައިފަ އެވެ. ބައިނަލްއަގުވާމީ ޑްރައިވިން ލައިސަންސް ގެންގުޅޭ ސައުދީ އަންހެނުންގެ ތެރޭން ބައެއް މީހުންގެ ލައިސަންސް އިއްޔެ ވަނީ ސައުދީ ލައިސަންސަށް ބަދަލުކޮށްދީފަ އެވެ. ސައުދީގެ އެކި ސިޓީތަކުގެ ޖެނެރަލް ޑިޕާޓްމަންޓް އޮފް ޓްރެފިކުން އިއްޔެ ވަނީ 10 އަންހެނެއްގެ ބައިނަލްއަގުވާމީ ލައިންސަންސްގެ ބަދަލުގައި އެ ގައުމުގެ ލައިސަންސް ދޫކޮށްފަ އެވެ. އަންހެނުންނަށް ދޫކުރި ފުރަތަމަ ލައިސަންސްގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާކޮށްފަ އެވެ.
ސައުދީގައި އަންނަ ހަފުތާގައި ގާތްގަނޑަކަށް 2،000 ވަރަކަށް އަންހެނުންނަށް ޑްރައިވިން ލައިސަންސް ދޫކުރާނެ ކަމަށް ބެލެވެ އެވެ.
ސައުދީގައި އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުމަށް ނިމުން ގެންނާނެކަން ރަސްގެފާން ސަލްމާންގެ ގަރާރަކުން އިއުލާން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ޝާހީ ގަރާރުގައި ހުއްދަކޮށްފައި ވަނީ އިސްލާމީ އުސޫލްތަކާ އެއްގޮތަށް އަންހެނުން ކާރު ދުއްވުމަށެވެ. މީގެ ކުރިން ދުނިޔޭގައި އަންހެނުން ކާރު ނުދެއްވޭ ހަމައެކަނި ގައުމަކީ ސައުދީ އަރަބިއާ އެވެ.
އަންހެނުން ކާރު ދުއްވަން ބާރު އެޅި ގިނަ އަދަދެއްގެ އެކްޓިވިސްޓުން މިދިޔަ ހަފުތާގައި ސައުދީން ހައްޔަރު ކުރި ކަމަށްވެ އެވެ. އޭގެ ތެރޭން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.