06 ޖޫން 2018 - 08:11

މިދިޔަ ހަފުތާގައި ރަޝިއާ އިން ޖޮނީ ޑެޕް ފެނުނު އިރު، އޭނާ މާ ބޮޑަށް ހިކިފައި ހުރުމުން، އޭނާގެ ފޭނުން ކަންބޮޑުވެއްޖެ އެވެ.

ބައެއް މީހުން ވަނީ ޑެޕްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އޭނާ އަށް ބޮޑު ބައްޔެއް ޖެހުނީތޯ ވެސް ސުވާލުކޮށްފަ އެވެ. އަދި އޭނާ ފެނުނީ ވަރަށް ވަރުދެރަކޮށް ކަމަށާއި މީހާގެ މޫނުމަތިން ވެސް އުފާވެރި ކަމެއް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެއް ބަޔަކު ބުނީ "ޕައިރޭޓްސް" ގެ އެކްޓަރަށް ބައްޔެއް ޖެހުނީ ނޫން ކަމަށާއި އެއީ މުސްކުޅިވުމުގެ އަލާމާތެއް ކަމަށެވެ. ޑެޕްގެ އުމުރަކީ މިހާރު 54 އެވެ.
"އުމުރުން ދުވަސްވީމަ މީހާ ހިކިލައި، އިސްތަށިގަނޑު ނުރަވުން ކަހަލަ ކަންކަން ދިމާވާނެ،" ސޯޝަލް މީޑިއާގައި މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ. "ޑެޕް ވެސް މިހާރު އެ ހުރީ މުސްކުޅި އަތަށް އަޅާފައި. އެއީ މައްސަލައެއް ނޫން."
ދާދި ފަހުން ރިލީޒް ކުރި "ދަ މާޑާ އޮން ދަ އޮރިއެންޓް އެކްސްޕްރެސް" ގެ އެކްޓަރު ރަޝިއާ އަށް ދިޔައީ އޭނާގެ ބޭންޑް ހޮލީވުޑް ވެމްޕެއާއާ އެކު މިހާރު ޔޫރަޕަށް ކުރާ ޓުއާގެ ތެރެއިންނެވެ.
ޑެޕްގެ ސިފަ އަށް އައިސްފައި ހުރި ބަދަލާ ގުޅިގެން އޭނާގެ ގާތް ބައެއް މީހުންނާ ހަވާލާދީ އީ ނިއުސް ބުނީ ޑެޕްގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ފޭނުން ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ ހުރީ ދުޅަހެޔޮ ސިއްހަތެއްގައި ކަމަށް ބުންޏެވެ.
އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޑެޕްގެ ސިފަ އަށް އައިސްފައި ހުރި ބަދަލަކީ އޭނާ މިހާރު ކުޅެމުން އަންނަ ފިލްމް "ރިޗަޑް ސޭސް ގުޑްބާއި" ގައި ކުޅޭ ކެރެކްޓާ އަށް ގެނެސްފައި ހުރި ބަދަލެކެވެ. އެ ފިލްމްގައި އޭނާ ކުޅެނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކޮލެޖް ޕްރޮފެސަރެއްގެ ރޯލެވެ.
ޑެޕް ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ސެޕްޓެމްބަރު 7 ގައި ރިލީޒް ކުރާ "ސިޓީ އޮފް ލައިސް" އިންނެވެ. އަދި ނޮވެމްބަރު މަހު ރިލީޒް ކުރާ "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑެލްވަލްޑް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.