06 ޖޫން 2018 - 08:14

ދުނިޔެއަކީ ވަށް އެއްޗެއްކަން އިންސާނުންނަށް ދެނެގަނެވުނުތާ މިހާރު ޒަމާންތަކެއް ވެއްޖެ އެވެ. ދުނިޔޭގެ ބައްޓަމަށް ހެދި ބޯޅަތަކާއި "ދުނިޔެ"ތައް އޮފީސްއޮފީހާއި ސްކޫލްތަކުގެ ކުތުބުޚާނާތައް ފަޅުފިލުވާތާ ވެސް ވީ ދުވަހެއް ނޭނގެއެވެ. މަތިމަތިން ބަލައިލުން ފިޔަވައި މި ބޯޅަތަކުން ހާސިލްވި ފިލާވަޅެއް ނެތެވެ. މިއާ ޚިލާފަށް އާތުގެ ނަމުގައި ސައިންސްވެރިންގެ ޓީމަކުން ފައްކާކުރި "ގްލޯބް"އަކީ ހުރިހައި މައުލޫމާތެއް ލިއްބައިދޭ އަގުހުރި ދުނިޔެއެކެވެ.
އަތަށް ހެޔޮވަރު ބޯޅައެއްގެ ބައްޓަމާއި ބޮޑުމިނަށް ހަދާފައިވާ މި "ދުނިޔެ"އަކީ ވަރަށް ފެންވަރު ރަނގަޅަށް ހަދާފައިވާ ދުނިޔެއެކެވެ. ފަރުބަދަތަކާއި ކޯރުތަކާއި ވާދީތަކާއި ކަނޑުފަޅާއި ހިކިފަސް ސަހަރާތައް ރީތިކޮށް ފާޅުވެ ފެންނަންހުރެއެވެ. އަތް ޖައްސާލުމުން އެކަން އިހުސާސްވުމުގެ އިތުރުން ބަލާބެލުމުން ކުލަތަކުން ވެސް ދުނިޔެ ބައްރު ފުރިހަމަކޮށްދޭ ހުރިހާ ސިފައެއް ހާމަވާން ހުރެއެވެ.
މި އާތުގެ އެންމެ ޚާއްސަ ކަމަކީ މިއީ އޮގްމެންޓަޑް ރިއަލިޓީ ފެންވަރުގައި ހަދާފައިވާ ދުނިޔެއަކަށްވާކަމެވެ. މިއާ ގުޅޭ އެސްޓްރޯރިއަލިޓީ އެޕް މެދުވެރިކޮށް ފޯނުގެ ކެމެރާއަށް މި އާތު އަޅުވާލުމުން ދުނިޔެއަށް ދިރުން ލިބެއެވެ. ވައި ދައުރުވާ މަންޒަރާއި ކޯރުތަކުން ފެންއާރުތައް ދުވާ މަންޒަރު ދައްކައިދެއެވެ.
އާތު ގެ މޮޅުކަމަކީ ދުނިޔެ ބައްރުގެ ހުރިހާ މައުލޫމާތެއް މިއިން ލިއްބައިދޭ ކަމެވެ. އޭގެތެރޭގައި ދުނިޔޭގެ ބައްރުގެ އެހާރާއި މިހާރުގެ މައުލޫމާތު ހާމަކޮށްދެއެވެ. މިސާލަކަށް ޖަނަވާރާއި ގަސްގަހާގެއްސާއި މޫސުމީ ބަދަލުތަކުގެ މައުލޫމާތެވެ. އިންސާނީ ދަރިފަސްކޮޅު ފެތުރިގެން އައި ގޮތާއި ފަސްގަނޑާއި ކަނޑުތަކާ ބެހޭ މައުލޫމާތެވެ. ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އޭގެ ސަބަބުން ދުނިޔޭގެ ބައްރަށް އޮތް ނުރައްކަލެވެ.
މޭޒުމަތީ ބަހައްޓާ ގޮތަށް ފަރުމާކޮށްފައި ވިޔަސް އެޕް މެދުވެރިކޮށް ދުނިޔެ ވަށާ ޖަހާލާ ބުރަކުން ހީވެސް ނުކުރާހާ ގިނަ މައުލޫމާތު "އާތުން" ޖަމާކުރެވެއެވެ.