ރިޔާސީ އިންތިހާބު އޮންނަ ދުވަސް މާދަމާ ކަނޑައަޅަނީ
ރިޔާސީ އިންތިހާބު އޮންނަ ދުވަސް މާދަމާ ކަނޑައަޅަނީ

މި އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނެ ތާރީހު މާދަމާ ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މި ރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ އިދާރީ މަސައްކަތުގެ ގާތްގަނޑަކަށް 90 ޕަސަންޓު ނިމިފައިވާ ކަމަށެވެ. އަދި އިންތިހާބަށް އެކުލަވާލަން ޖެހޭ ގައުމީ ލަފާދޭ ކޮމީޓީ އާއި ކޮމްޕްލެއިންސް ބިއުރޯ އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވާ އިރު، އެ ބައްދަލުވުމަކީ ސިޔާސީ ޕާޓީތަކާއި ކަމާ ގުޅޭ މުއައްސަސާތައް ހިމެނިގެން ބާއްވާ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ފައިނަލްކޮށް ނިންމާނަން. އަޅުގަނޑުމެން ކޮމިޝަންގެ ބައްދަލުވުމެއް މާދަމާ އެބައޮތް. އެ ބައްދަލުވުމުގައި މި ފަހަރު ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަނޑައަޅާނަން. އެ ކަނޑައެޅުމަށް ފަހުގައި ވީހާ އަވަހަކަށް އެ ދުވަސް އިއުލާނު ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ކުރިން ވެސް ރޭވިފައި އޮތް ގޮތަށް އަންނަ މަހު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާ އިރު، ސެޕްޓެމްބަރު މަހު އިންތިހާބު އޮންނާނެ އެވެ. އަދި މި މަހު ވޯޓާސް ލިސްޓް ހާމަކޮށް، ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނާނީ، މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ފާހަގަކޮށްފައި ހުރި ކަންކަން ރަނގަޅު ކުރުމަށް ފަހު ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި ރަނގަޅު ކޮށްލަން ޖެހޭ ކަމަށް ކުރީ އިންްތިހާބުތަކުން ފާހަގަވެފައިވާ ކަންތައްތައް ރަނގަޅުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓް ވެގެން ދާނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް ވުރެ ފުރިހަަމަ ލިސްޓަކަށް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަނުން ނިންމާފައި ވަނީ، މިހާތަނަށް ބޭއްވި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވޯޓު ކަރުދާސް ބޭނުންކޮށްގެން ރިޔާސީ އިންތިހާބު ބާއްވާށެވެ. ރިޔާސީ އިންތިހާބަކީ ހާމަކަން ބޮޑު، މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ ބައިވެރިވުން ބޮޑު އިންތިޚާބަކަށް ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލުކުރެ އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.

ރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ކެމްޕެއިން މަސައްކަތް ފައްޓަވާފައި ވާއިރު އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އަދި އިދިކޮޅު އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީ ބާއްވައި ރިޔާސީ ކެންޑިޑޭޓް އިންތިހާބު ކޮށްފަ އެވެ. އެމްޑީޕީން ބުނި ގޮތުގައި އެއްވެސް ވާދަވެރިކަމެއް ނެތި ޕްރައިމަރީ ކާމިޔާބު ކުރައްވައި 43،000 މެމްބަރުންގެ ވޯޓުން ޓިކެޓް ހޯއްދެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.