27 ޖުލައި 2016 - 07:14

"އެވެންޖާސް" ފަދަ ފިލްމުތަކުގައި އެކްޓަރު ޖެރެމީ ރެނާ ސްޕަހީރޯއެއްގެ ގޮތުގައި ފޭނުންނަށް ފެނުނަސް، އޭނާގެ ކުރީގެ އަންހެނުން ދެކެނީ އެއީ ރަހުމެއް ނެތް ވިލަންއެއްގެ ގޮތުގަ އެވެ.

ޖެރެމީގެ ކުރީގެ އަންހެނުން ސަނީ ޕަޗޭކޯ ބުނަނީ އެ މީހުންގެ ތިން އަހަރުވީ އަންހެން ދަރިފުޅު އަވާ އަށް ޖެރެމީގެ ފަރާތުން ލިބެން ޖެހޭ މާލީ އެހީތެރިކަން ނުލިބޭ ކަމަށެވެ. އަދި ޕްރީސްކޫލް ފީ އާއި އެ ނޫން ވެސް ހަރަދުތައް ނުދޭތީ އެ މައްސަލަ މިހާރު ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ޖެރެމީ އާއި ސަނީ ވަކިވި ނަމަވެސް، އެއްބަސްވެފައިވާ ގޮތުން ނަމަ ދަރިފުޅުގެ ހަރަދުގެ ގޮތުގައި އަހަރަކު 13،000 ޑޮލަރު ޖެރެމީ ދޭން ޖެހެ އެވެ. އެހެންވެ އެހީތެރިކަން ނުލިބޭތާ ދުވަސްތަކެއްވެފައިވާތީ އެތައް ބިލެއް ނުދެއްކި އެބަހުރި ކަމަށް ސަނީ ބުނެ އެވެ.
މި މައްސަލާގައި ޖެރެމީ ގޮވައިގެން ސަނީ ކޯޓަށް ދާން ނިންމި އިރު، ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ޖެރެމީ ބޭނުން ނުވާ ކަމަށް ސަނީ ބުންޏެވެ. އަދި ހަރަދުގެ މައްސަލާގައި ޝަކުވާ ކުރުމުން ޖެރެމީ ސަނީ އަށް ފޮނުވި ޓެކްސްޓް މެސެޖެއްގައި ވަނީ ދަރިފުޅު ހަތިޔާރަކަށް ހަދައިގެން ފައިސާ ހޯދަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.
"އަހަރެންގެ އަތަކު ނެތް ކަލެއަށް ދޭނެ ފައިސާއެއް. ދަރިފުޅު ބަލަން ކަލޭ ތިބުނާ ވަރަށް ފައިސާ ހަރަދު ވާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގޭ. ވަރަށް ބޮޑަށް ސޮރީ،" ޖެރެމީ މެސެޖާ ވެސް އެކު ކޯޓަށް ހުށަހެޅީ ޑޮކިއުމަންޓްތަކުގައިވެ އެވެ.
ޖެރެމީ، 45، އާއި ކެނެޑާ އަށް އުފަން މޮޑެލް ސަނީ 2014 ގައި ކުރި ކައިވެނި ރޫޅުނީ މިދިޔަ އަހަރު އެވެ. އަވާއަކީ އެ ދެ މީހުން ކައިވެނި ކުރި އިރު ވެސް ލިބިފައިވާ ދަރިއެކެވެ.