ތުރާކުނު ސްކޫލުގެ މަސައްކަތްތަކެއް ކުރަން ބަޔަކާ ހަވާލުކޮށްފި
ތުރާކުނު ސްކޫލުގެ މަސައްކަތްތަކެއް ކުރަން ބަޔަކާ ހަވާލުކޮށްފި

ހއ. ތުރާކުނު ސްކޫލުގައި އޭވީ ރޫމާއި ސައިންސް ލެބެއް އިމާރާތް ކުރަން 1.5 މިލިއަން ރުފިޔާއަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަދި ވޯޓާޕާކް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްރާހެވެ.

އެ އިމާރާތުގެ މަސައްކަތް ވޯޓާޕާކް ކުންފުންޏާ ހަވާލުކުރީ 42 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، އަންނަ އޮގަސްޓް މަހުގެ ފަހުކޮޅުގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަންނަ އަހަރުގެ ދިރާސީ އަހަރާއެކު އެ އިމާރާތް ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ.

އާ އިމާރާތާއެކު ތުރާކުނު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގްރޭޑް 1-10 އަށް ކިޔަވައިދެމުން އަންނަ ތުރާކުނު ސްކޫލުގައި މިހާރު ހުންނަނީީ ނުވަ ކްލާސްރޫމާއި ސްޓާފްރޫމެއްގެ އިތުރުން ފާހަނާ ބަރިއެކެވެ.