05 ޖޫން 2018 - 08:04

އެމެރިކާގައި އުފައްދާ ސްމާޓްފޯން ބައިތައް، ޒެޑްޓީއީ އަށް ވިއްކިދާނެ ގޮތެއް އެބަ އޮތް ކަމަށް، ޔޫއެސް ކޮމާސް ޑިޕާޓްމަންޓުން ބުނެފި އެވެ. އެއީ އިސްލާހީ ފިޔަވަޅުތަކަށް ބޯލަނބައި، 1.7 ބިލިއަން ޑޮލަރު ޖޫރިމަނާއެއް ގޮތުގައި ދެއްކުމެވެ.
ޒެޑްޓީއީ އަކީ ދާދި މިދާކަށް ދުވަހާ ޖެހެންދެން، އެމެރިކާގައި އުފައްދާ ސްމާޓްފޯން ބައިތައް ގަނެ އުޅުނު ކުންފުންޏެކެވެ. ނަމަވެސް މިހާރު ވަނީ އެ ބާވަތުގެ އެއްވެސް މުދަލެއް، ހަތް އަހަރު ދުވަސް ވަންދެން، ޒެޑްޓީއީ އަށް ނުގަނެވޭ ގޮތަށް ކޯޓު އަމުރެއް ނެރެފެ އެވެ.
އެމެރިކާއިން ޒެޑްޓީއީ އާ މެދު ހަރުކަށި ފިޔަވަޅު އެޅީ، އެމެރިކާގައި އުފައްދާ ސްމާޓްފޯން ބައިތައް ހިމަނައިގެން، ޒެޑްޓީއީން އުފައްދާ ޑިވައިސްތައް، އީރާން އަދި އުތުރު ކޮރެއާ އަށް ސަޕްލައިކުރާތީ އެވެ. އެއީ އެމެރިކާއިން މަނާކޮށްފައި އޮންނަ ކަމެކެވެ.
ޒެޑްޓީއީ އަށް ދަތިކުރަން އެމެރިކާ އެޅި ފިޔަވަޅަކީ އެ ކުންފުންޏަށް ވަރަށް ބޮޑު އުނދަގުލަކަށް ވި އެވެ. ކުންފުނި ބަނގުރޫޓުވެދާނެ ހާލަތަކަށް ވެއްޓިދާނެ ކަމަށް ލަފާކުރެވިފައި ވަނިކޮށް ޗައިނާއިން ވަނީ ރަސްމީ ސިފައިގައި މި މުއާމަލާތުގެ ތެރެ އަށް ވަދެފަ އެވެ. އަދި އެމެރިކާ ސަރުކާރާ އެކު ކުރި މަޝްވަރާގައި، ޖޫރިމަނާއެއް ދައްކައި އަދި ހުއްދަކުރެވޭ މާނައިގައި ޒެޑްޓީއީ ހަރަކާތްތެރިވުމަށް ޝަރުތުކޮށް ބަންދު އުވާލަފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ކޮމާސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ޒެޑްޓީއީ އަށް އަލުން މުދާ ވިއްކަން ފެށި ކަމަށް ވި ނަމަވެސް، ޒެޑްޓީއީގެ ހަރަކާތްތައް ރަނގަޅަށް ބަލާނެ އެވެ. އަދި އެމެރިކާއިން ގަންނަ ބައިތައް ބޭނުންކުރާ ގޮތް، އުފައްދާ ތަކެތި އަދި ވިއްކާ ގައުމުތައް ބަރާބަަރަށް އަންގަން ޖެހެ އެވެ. އެ ގޮތުގައި ޒެޑްޓީއީ އަކީ އެމެރިކާ އަށް ރައްކާތެރި ކުންފުންޏެއް ގޮތުގައި ލިސްޓްކުރެވެން ޖެހެ އެވެ.