ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑުން ސާނޭ ބާކީކޮށްފި
ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑުން ސާނޭ ބާކީކޮށްފި

ބާލިން (ޖޫން 4) – މެންޗެސްޓާ ސިޓީން މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ރަސްކަންކުރި އިރު ތަފާތު މޮޅު ކުޅުމެއް ދެއްކި ލެރޯއީ ސާނޭ އަށް ވޯލްޑް ކަޕުގައި ވާދަކުރާ ޖަރުމަން ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޖާގަ ގެއްލިއްޖެ އެވެ.

ސާނޭ އަށް ފުރުސަތު ނުލިބުމާ އެކު ތަފާތު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ޖަރުމަން ކޯޗު ޔަކީމް ލޯ ބުނީ ސާނޭ އާއި ބެޔާ ލެވަކޫސަންގެ ހޫލިއަން ބްރަންޓް "ވަރަށް ގާތުން" ވާދަކުރި ކަމަށެވެ. މިދިޔަ ސީޒަނުގައި ބްރަންޓް 12 ގޯލް ޖަހައި ހަތް ގޯލް ޖަހަން މަގުފަހުކޮށްދިން އިރު، ސާނޭ ވަނީ 14 ގޯލް ޖަހައި 19 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. ޖަރުމަނުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އާސެނަލްގެ މެސުތު އޮޒިލް މިދިޔަ ސީޒަނުގައި ހެދީ 14 އެސިސްޓެވެ.

ސެނެގާލް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ސުލޭމާން ސާނޭގެ ދަރިފުޅު ލެރޯއީ ސާނޭ ވަނީ ޖަރުމަން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކުޅެފަ އެވެ. އަދި ހޮނިހިރު ދުވަހުގެރޭ އޮސްޓްރިއާ އަތުން 2-1 އިން ބަލިވި މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ.

އަރިމަތިންނާއި މެދުތެރެއިން ހަލުވި ކުޅުމެއް ކުޅެ ނުރައްކާތެރި އެޓޭކްތައް އުފައްދާ ސާނޭގެ ބޭނުން ޖަރުމަނުން ހިފާ ގޮތާ މެދު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ދާދި ފަހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖަރުމަން ސްކޮޑުގައި ދެން ހިމެނޭ ފޯވާޑުންނަކީ ޓިމޯ ވާނާ އާއި ތަޖުރިބާކާރު ކުޅުންތެރިޔާ މާރިއޯ ގޯމޭޒާއި ވޯލްޑް ކަޕުގައި އަބަދުވެސް ވިދާލާ ތޯމަސް މުލާ އަދި އަނިޔާގެ ސަބަބުން ކުރިން ފުރުސަތު ގެއްލުނު މާކޯ ރެއުސް އެވެ.

އަނެއްކޮޅުން ޔަކީމް ލޯ ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމާ ދުރުގައި ހުރި އެއް ވަނަ ގޯލްކީޕަރު މެނުއަލް ނޯޔާ ފައިނަލް ސްކޮޑުގައި ހިމަނައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އަނިޔާވި ނޯޔާ އޭގެ ފަހުން އަލަށް ވެސް ކުޅުނީ ހޮނިހިރު ދުވަހުގެރޭ އޮސްޓްރިއާ އަތުން 2-1 އިން ބަލިވި މެޗުގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން މި ފަހަރުގެ މުބާރާތުގައި ހިމެނެނީ މެކްސިކޯ އާއި ސްވިޑަން އަދި ދެކުނު ކޮރެއާއާ އެއް ގްރޫޕެއްގަ އެވެ.