04 ޖޫން 2018 - 16:27

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް ފަށަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެ ދެ ބޭފުޅުންނަށް އަންނާނެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރާއިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ އެއް އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
މީގެ އިތުރުން، ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމިއްޖެ ނަމަ އެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.