އަފްޣާނިސްތާނުގެ 60 ޕަސެންޓް އަންހެން ކުދިން ސްކޫލަކަށް ނުދޭ
އަފްޣާނިސްތާނުގެ 60 ޕަސެންޓް އަންހެން ކުދިން ސްކޫލަކަށް ނުދޭ

ކާބުލް (ޖޫން 4) - އަފްޣާނިސްތާނުގެ ކޮންމެ ތިން އަންހެން ކުދިންގެ ތެރޭން އެއް ކުއްޖަކު ސްކޫލަށް ނުދާ ކަމަށް ޔުނިސެފުން އެކުލަވާލި ރިޕޯޓެއްގައި ބުނެފި އެވެ.

ޔުނިސެފްގެ އަފްޣާން ކަންޓްރީ ރިޕޯޓުގައިވާ ގޮތުން އުމުރުން 7-17 އަހަރާ ދެމެދުގެ 3.7 މިލިއަން ކުދިން ނުވަތަ 44 ޕަސެންޓް ކުދިން ސްކޫލަކަށް ނުދެ އެވެ. އެ އަދަދުގެ ތެރޭން 2.7 މިލިއަން ނުވަތަ 60 ޕަސެންޓަކީ އަންހެން ކުދިން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިއީ މީގެ 16 އަހަރު ކުރިން ތާލިބާނުންގެ ވެރިކަން ވެއްޓުނު ފަހުން އަފްޣާންގައި ސްކޫލަށްދާ ކުދިންގެ އަަދަދު އެންމެ މަދުވި ފަހަރެވެ. ސްކޫލަށް ކުދިން ނުދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގައުމުގައި އަމާންކަން ނެތުމާއި ފަގީރުވުން ހިމެނެ އެވެ. ހަމަނުޖެހުން ހިންގާ ގިނަ ސަރަހައްދުތަކުގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. ހަމަނުޖެހުން ބޮޑު ސަރަހައްދުތައް ކަމަށްވާ ކަންދަހާރު، ހެލްމާންޑް، ވާޑަކް، ޕަކްޓިކާ، ޒާބުލް އަދި އުރްޒްގަންގައި 80 ޕަސެންޓް އަންހެން ކުދިން ސްކޫލަށް ނުދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އަފްޣާނިސްތާނުގެ އެޑިއުކޭޝަން މިނިސްޓަރު މިރްވައިސް ބަލްކީ ވިދާޅުވީ ކުދިން ސްކޫލަށް ނުދާ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެކަމަކު އެ ސަބަބުތައް އޭނާ ވިދާޅެއް ނުވެ އެވެ. އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ކުދިން ސްކޫލަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން މި އަހަރަކީ "ތައުލީމުގެ އަހަރުގެ" ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.