ނޯތު ކޮރެއާގެ އަސްކަރިއްޔާ އަށް ބަދަލުތަކެއް ގެނެސްފި
ނޯތު ކޮރެއާގެ އަސްކަރިއްޔާ އަށް ބަދަލުތަކެއް ގެނެސްފި

ޕިއޮންޔަން (ޖޫން 4) - ނޯތު ކޮރެއާގެ އަސްކަރިއްޔާގެ އިސް މަގާމުތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މި ބަދަލުތައް ގެންނަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު އަންނަ ހަފުތާގައި ސަމިޓް ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ ނޯތު ކޮރެއާގެ އަސްކަރިއްޔާގެ އިސް ތިން ބޭފުޅަކު ވަކިކޮށްފައިވާ ކަމަށެވެ. ސައުތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ އަސްކަރިއްޔާގެ ބާރުގަދަ ޖެނެރަލް ޕޮލިޓިކަލް ބިއުރޯ (ޖީޕީބީ) ގެ ޑިރެކްޓަރުގެ މަގާމަށް ކިމް ސޫ ގީ އައްޔަންކޮށްފައިވާ ކަމަށެވެ. އޭނާ އަކީ ކިމް ޖޮން-އުންގެ ވަރަށް ގާތް ލެފްޓިނެންޓެއް ކަމަށްވެ އެވެ.

ކިމް ޖޮން-އުން އެ ބަދަލުތައް ގެންނަވަނީ ކޮރެއަން ޕީޕަލްސް އާމީ (ކޭޕީއޭ) ގެ މައްޗަށް ވެރިކަންކުރާ ޕާޓީގެ ބާރު އިތުރަށް ހިންގުމަށް ކަމަށް އޮފިޝަލުން ބުނެ އެވެ.