04 ޖޫން 2018 - 13:49

މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ، ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕޯސްޓުގެ ހިދުމަތް ދޭ ކުންފުނީގެ ހިއްސާގެ އޮނިގަނޑު ބަދަލުކޮށް، އެ ކުންފުނީގެ 99 ޕަސެންޓް ހިއްސާ އައިއޭއެސް އަށް އަދި އެއް ޕަސެންޓް ހިއްސާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އައިއޭއެސްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ޕޯސްޓް ލިމިޓެޑް ހަމަޖެއްސީ ކީއްވެގެން ކަމެއް ޕްރައިވެޓައިޒޭޝަން ބޯޑުން ނުބުނެ އެވެ.
އެ ބޯޑުން ބުނީ އެ ބަދަލާ ގުޅިގެން، ޕޯސްޓް ލިމިޓެޑުން ކުރަމުން އައި މަސައްކަތާއި ގާނޫނީ ގޮތުން ލިބިފައިވާ ހައްގުތަކާއި އުފުލަން ޖެހޭ އިލްތިޒާމްތަކާއި ކުންފުނީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދަލުގެ ދަރަނި ހިއްސާގެ އޮނިގަނޑާ އެއްގޮތަށް ބަދަލުވެގެންދާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.