04 ޖޫން 2018 - 13:35

ތޫނިސް (ޖޫން 4) - ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޓިއުނީޝިއާ އިން އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ދެ މެޗުގައި ވެސް ކުޅުންތެރި ތިބީ ރޯދައަށެވެ. މެޗު ކުޅެމުން ދިޔަ ވަގުތު ރޯދަ ވީއްލުމަށް ކުޅުންތެރިން ވަނީ "ފޭކް" އުކުޅެއް ޖައްސައިފަ އެވެ. އެކަމުގައި އެންމެ އިސްކޮށް ހުރީ ގޯލް ކީޕަރު މުއީޒް ހަސަން އެވެ. ރޯދަ ވީއްލާ ވަގުތު ޖެހުމާ އެކު ކީޕަރު ވަނީ "އަނިޔާވެގެން" ވެއްޓިފަ އެވެ. މެޑިކަލް ސްޓާފުން ދަނޑަށް އެރި ވަގުތު ކުޅުންތެރިން ވަނީ ބެންޗް ކައިރިއަށް ގޮސް ފެނާއި ކަދުރުން ރޯދަ ވީއްލައިފަ އެވެ.

ޕޯޗުގަލް އާއި ތުރުކީއާ ދެކޮޅަށް ޓިއުނީޝިއާ މިދިޔަ ހަފުތާގައި ކުޅުނު ދެ މެޗުގައި ވެސް ކީޕަރު ކަންތައް ކުރީ އެ ގޮތަށެވެ. ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި "އަނިޔާވެގެން" 58 ވަނަ މިނިޓުގައި ކީޕަރު ވެއްޓުނު އިރު ޓިއުނީޝިއާ އޮތީ 2-1 އިން ފަހަތުގަ އެވެ. އެ ވަގުތު ކުޅުންތެރިން ބެންޗް ކައިރިއަށް ގޮސް ރޯދަ ވީއްލި އެވެ. ކަދުރާއި ފެނުން ރޯދަ ވީއްލައިގެން ޓިއުނީޝިއާ ކުޅުންތެރިން ދަނޑަށް އަރާ މެޗު ފެށިތާ ހަ މިނިޓްތެރޭ ލަނޑެއް ޖަހައި އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން ޓީމާ ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކީޕަރު ވަނީ 49 ވަނަ މިނިޓުގައި "އަނިޔާވެގެން" ވެއްޓިފަ އެވެ. އެ ވަގުތު ކުޅުންތެރިން ވަނީ ރޯދަ ވީއްލައިފަ އެވެ. އެ މެޗު ވެސް ނިމުނީ 2-2 އިން އެއްވަރުވެފަ އެވެ.
ދެ މެޗުގައި ވެސް ކީޕަރު "އަނިޔާވެފައި" ވަނީ ރާވައިގެންނެވެ. އެކަމަކު ވޯލްޑް ކަޕުގެ މެޗުތަކުގައި ޓިއުނީޝިއާ އިން އެ "މަކަރު" ޖައްސާކަށް ނުޖެހޭނެ އެވެ. ވޯލްޑް ކަޕުގައި ޓިއުނީޝިއާގެ ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ކުޅެންޖެހޭނީ މަހު 18 ވަނަ ދުވަހު އެވެ.
ބާރަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޓިއުނީޝިއާ ވޯލްޑް ކަޕަށް ކޮލިފައިވި އިރު، ކޮލިފައިން ބުރުގައި އެއްވެސް ޓީމެއްގެ އަތުން ބަލިވެފައެއް ނުވެ އެވެ.