04 ޖޫން 2018 - 12:38

ޕިއޮންޔަން (ޖޫން 4) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ނޯތު ކޮރެއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.
މިއީ 2011 ވަނަ އަހަރު ނޯތު ކޮރެއާގެ ލީޑަރު ކަމަށް ކިމް ޖޮން-އުން ވަޑައިގެންނެވި ފަހުން އެ ގައުމަށް ބޭރު ގައުމެއްގެ ވެރިއަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ނޯތު ކޮރެއާގެ ލީޑަރު ގެންދަވަނީ ފަހަކަށް އައިސް ޑިޕްލޮކެޓިކް މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޗައިނާ އަށް ދެ ފަހަރެއްގެ މަތިން ވަޑައިގެން ރައީސް ޝީ ޖިންޕިންއާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ދެ ކޮރެއާގެ ބޯޑަރުގައި ވަނީ ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ އެޕްރީލް މަހު ފަހުކޮޅު ބައްދަލު ކުރައްވައިފަ އެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު އަންނަ ހަފުތާގައި ސަމިޓެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ސީރިއާ އަކީ ނޯތު ކޮރެއާގެ ގާތް އެކުވެރިއެކެވެ. ނަމަވެސް އަސަދުގެ ދަތުރާ ގުޅޭ ގޮތުން ސީރިއާ އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަސަދު ނޯތު ކޮރެއާ އަށް ވަޑައިގަންނަވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އަސަދާ ހަވާލާދީ ނޯތު ކޮރެއާގެ ނިއުސް އެޖެންސީން ބުނެފައި ވަނީ ނޯތު ކޮރެއާ އަށް ވަޑައިގެން ކިމްއާ ބައްދަލު ކުރައްވާނެ ކަމަށެވެ.
އަސަދު މި މޭރުމުން ވާހަކަ ދެއްކެވީ ނޯތު ކޮރެއާގެ ސަފީރު މުން ޖޮން-ނަމްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ކަމަށް ވެސް ނިއުސް އެޖެންސީން ބުނެ އެވެ.
ނޯތު ކޮރެއާ އިން ސީރިއާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ 1966 ވަނަ އަހަރު އެވެ.