04 ޖޫން 2018 - 14:24

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ބައެއް ލީޑަރުންނަށް ވާދަނުކުރެއްވޭ ނަމަ، ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ ރަނގަޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށް ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ބައެއް ބޭފުޅުންނާއި ގާނޫނީ ބައެއް ވަކީލުން ދަނީ އިދިކޮޅު ކެންޑިޑޭޓަކަށް އިބޫ އައްޔަން ކުރަން ފެންނަ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުނުކުރެވިއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތާއީދުކުރައްވަނީ އިބޫ އަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. އަދި ވަކިވަކިން އިންތިހާބުގައި ވާދަކޮށްގެން، އިދިކޮޅު ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތަސް، ވެރިކަން ކުރަން ފަސޭހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތައް ބަދަލުކުރުމާއި ދަރަނި އަދާކުރުމުގައި ބޭރުގެ އެހީ ހޯދަން ގުޅިގެން އެއްކޮށް ތިބޭ ނަމަ، ފަސޭހަވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން ބަލިކޮށް، ގުޅިފައިވާ ސަރުކާރެއް އަންނަން ޖެހޭނީ. އޭރުން ވެރިކަން ކުރަން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުމުގައި އިބޫއަކީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން އެކަށީގެންވާ ބޭފުޅެކެވެ. އެކަމަކު އިބޫ ކެންޑިޑޭޓަކަށް ހަދަން ތާއީދު ކުރައްވަނީ އިދިކޮޅު ލީޑަރުންގެ ތެރެއިން ލީޑަރަކަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދާލަތު ޕާޓީގެ ކައުންސިލުން ގޮތެއް ނިންމާނީ (އިދިކޮޅު ކެންޑިޑޭޓަކާ ގުޅޭ ގޮތުން). އަޅުގަނޑު އަމިއްލައަށް ގަބޫލުކުރާ ގޮތުގައި އެ މަގާމަށް އިބޫ ރަނގަޅު،" އަލީ ޒާހިރު ވިދާޅުވި އެވެ.
"އިބޫ އަކީ މަސައްކަތް ކުރަން ފަސޭހަ، ގާބިލް ބޭފުޅެއް. އިތުބާރުކުރެވޭ ވަރުގެ ބޭފުޅެއް އެއީ."
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިމަތިލެއްވުމުގެ ހުރަހެއް ނެތް ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ 1 ގެ އަމުރުން، ގާސިމް މިނިވަންވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމަށް ކުރިމަތިނުލެއްވޭ ނަމަ، އިންތިހާބުގައި ވާދަކުރެއްވޭވަރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ތެރޭގައި ވެސް އެބަ ތިބި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ގާބިލް ބޭފުޅުން. ޖޭޕީގެ ތެރޭގައި ވެސް އެބަތިބި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ވަކި ބޭފުޅެއްގެ ނަން ނުގެންނަވާ އޭނާ ވިދާޅުވި އެވެ.
ފެބްރުއަރީ 1 ގެ އަމުރު ތިން ފަނޑިޔާރުން ތިއްބަވައިގެން ބާތިލް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން އެކަން ނިންމަން ޖެހޭނީ ފަސް ފަނޑިޔާރުން ތިއްބަވައިގެން ކަމަށް ވާތީ ފަސް ފަނޑިޔާރުން ތިއްބަވައިގެން ފެބްރުއަރީ 1 ގައި ނެރުއްވި އަމުރާ އެކު، ގާސިމަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން ގާސިމަށް އިންތިހާބުގައި ވާދަކުރެއްވޭނީ އެ ބައި އިސްލާހުކޮށް ނުވަތަ ބާތިލްކޮށްގެންނެވެ.
އަލީ ހުސެއިން ވިދާޅުވީ އެ އިސްލާހު ގާނޫނުއަސާސީ އަށް ގެނެސްފައި އޮތީ ސަރުކާރުން ބިރު ދައްކައި މަޖުބޫރުކޮށްގެން ކަމަށެވެ. އަދި އިސްލާހާ ގުޅޭ ގޮތުން މިނިވަން ކޯޓެއްގައި ޗެލެންޖުކޮށްފި ނަމަ، އެ އިސްލާހު ފާސްކުރީ ސައްހަ ގޮތެއްގައި ނޫން ކަން ކަނޑައަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ގާސިމަށް އިންތިހާބުގައި ވާދަކުރައްވަން އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި 44،000 މެމްބަރުންގެ ވޯޓުން ނަޝީދު ކަނޑައަޅާފައިވާ ކަމަށެވެ. އެމްޑީޕީން މިހާރު މަސައްކަތް ކުރަނީ "ބާރުލާފައި ގޮސް" ކެމްޕެއިން ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިވަގުތު، އެހެން ކެންޑިޑޭޓުންގެ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ނަޝީދަށް ކުރިމަތިނުލެއްވޭނެ ކަމަކަށް އެއްވެސް މުއައްސަސާއަކުން އަދި ކަނޑައަޅާފައެއް ނެތެވެ. ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައިފި ނަމަ، ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޝީދަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ދެން ގައުމީ މަޖިލީހުން ކަނޑައަޅާނީ އަމަލު ކުރާނެ ގޮތެއް. ގިނަ ބަޔަކު މިވަގުތު ބޭނުންވަނީ ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ހަދަން،" ހަސަން ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އައިމިނަތު ނާދިރާ ވިދާޅުވީ ރައީސް ޔާމީން ބަލިކުރުމަށް އެއް ކެންޑިޑޭޓަކު ނެރުމަކީ އެމަނިކުފާނާ ދެކޮޅަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނިކުންނާނީ އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެކެވެ. އަދި އެ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ، ރައީސް ޔާމީން ބަލިކުރެއްވޭނެ ބޭފުޅަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެން އެއްބަސްވާ ކެންޑިޑޭޓަކު ނިކުންނާނެ ކަމަށް ގަބޫލުކުރަނީ،" ނާދިރާ ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އިބޫއަކީ ގާބިލް ބޭފުޅެއްތޯ ސުވާލު ކުރުމުން އޭނާ ހަމައެކަނި ވިދާޅުވީ "އިބޫއަކީ ސިޔާސީ މައިދާނުގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި" ބޭފުޅެއް ކަމަށެވެ.