04 ޖޫން 2018 - 11:52

ދާރުއްސަލާމް (ޖޫން 4) - ޓެންޒޭނިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ބެއިން ކަމަށްވާ މާރިއާ އަދި ކޮންސޮލަޓާ މަވަކިކުޓި އުމުރުން 21 އަހަރުގައި މަރުވެއްޖެ އެވެ.

ބަނޑުން ގުޅިފައިވާ އަންހެން ދެބެން މަރުވީ، ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ފަރުވާ ދޭން އެ މީހުން އެޑްމިޓްކުރީ ޑިސެމްބަރު މަހު އެވެ. ދެބެން ވެސް އެއް ލަންގްސް އާއި ލިވާ ހިއްސާ ކުރި ނަމަވެސް ހިތާއި ބޮލާ އަދި ހަތަރެސް ފައިގެ ގުނަވަންތައް ހުރީ ވަކިންނެވެ.

އެއް ހަށިގަނޑުން ގުޅިފައިވާ ދެ ބެންނަކީ ޓެންޒޭނިއާގައި ވަރަށް މަޝްހޫރު ދެ ކުދިންނެވެ. އެ ދެބެންގެ މަރާ ގުޅިގެން ގައުމަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ. އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ދެބެންގެ އާއިލާ އަށް ތައުޒިޔާ ފޮނުވައިފަ އެވެ.
ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ ވަނީ މާރިއާ އާއި ކޮންސޮލަޓާ މަރުވި ޚަބަރު އެހީ ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
ބީބީސީ އަށް މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ދެ ކުދިން ވެސް ބުނެފައި ވަނީ ޔުނިވާސިޓީ ތައުލީމް ނިންމުމަށް ފަހު ބޭނުން ވަނީ ޓީޗަރުންނަށް ވާން ކަމަށެވެ.
"ކޮމްޕިއުޓަރާއި ޕްރޮޖެކްޓަރު ބޭނުންކޮށްގެން ކިޔަވައިދެވިދާނެ،" ދެބެން ވެސް ބުނެފައިވެ އެވެ.
ހަށިގަނޑު ވަކި ކުރުމުގެ އޮޕަރޭޝަން ކުރަން މާރިއާ އާއި ކޮންސޮލަޓާ ބޭނުމެއް ނުވެ އެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން ކައިވެނި ކުރަން އުއްމީދު ކުރާ ކަމަށް ބީބީސީ އިންޓަވިއުގައި ބުނެފައިވެ އެވެ.
މާރިއާ އާއި ކޮންސޮލަޓާގެ ބައްޕަ ވަނީ އެ ކުދިންގެ ޅަ އުމުރުގައި މަރުވެފަ އެވެ. މަންމަ އެ ކުދިން ދޫކޮށްލުމުން އެ މީހުން ބޮޑުކުރީ ކެތޮލިކް ޗެރިޓީއަކުންނެވެ. އެ ކުދިންނަށް ނަން ދީފައި ވަނީ އެ ޗެރިޓީގެ ނަމުންނެވެ.
ދެބެންގެ ހައި ސްކޫލް ގްރެޖުއޭޝަން މިދިޔަ އަހަރު ބޭއްވުމާ އެކު ގައުމުގެ އެތައް ބަޔަކު ވަނީ މަރުހަބާގެ މެސެޖް ފޮނުވައިފަ އެވެ. އެ ދެ ކުދިން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ޓެންޒޭނިއާ ޔުނިވާސިޓީގައި ކިޔަވަން ފަށައިފަ އެވެ.