ތަރިންގެ އާމްދަނީ ބިނާވާން ޖެހެނީ ފިލްމްގެ ކާމިޔާބީ އަށް: ކާޖޮލް
ތަރިންގެ އާމްދަނީ ބިނާވާން ޖެހެނީ ފިލްމްގެ ކާމިޔާބީ އަށް: ކާޖޮލް

ފިލްމު ކުޅޭ ބަތަލާއިންނަށް ބަތަލުންނާ އެއްވަރުގެ އާމްދަނީ ނުލިބޭ މައްސަލާގައި، ކުޅަދާނަ ބަތަލާ ކާޖޮލްގެ ހިޔާލު މާ ބޮޑަށް ވެސް ތަފާތެވެ.

އޭނާ ބުނަނީ ތަރިންގެ އާމްދަނީ ބިނާވާން ޖެހޭނީ ބޮކްސް އޮފީހުގައި އެ ފިލްމެއް ހޯދާ ކާމިޔާބީއަށާއި އެއީ ކޮން ކަހަލަ ޖޯންރާއެއްގެ ފިލްމަކަށްތޯ ބަލައިފައި ކަމަށެވެ.

ނަމަވެސް ގިނަ ބަތަލާއިންގެ ކަންބޮޑުވުމަކީ ފިލްމްތަކުގައި އެކްޓަރުންނާ އެއްވަރުގެ ރޯލެއް ބަތަލާއިން އަދާ ކުރިޔަސް، ލިބޭ އާމްދަނީ އެކްޓަރުންނަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ދަށްވުމެވެ.

"އަހަންނަކީ އެއް އިރެއްގައި ވެސް ވަކި އަގެއް ފިކްސްކޮށްގެން ފިލްމް ކުޅޭ މީހެއް ނޫން. އަހަރެން އަބަދު ވެސް ބަލަނީ ރަނގަޅު ސްކްރިޕްޓަކަށް އެއްބަސްވެގެން ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމްތައް ކުޅެވޭތޯ،" ދިލްވާލޭ ދުނިޔާ ލޭޖާއޭގޭ އާއި ކުޗް ކުކް ހޯތާ ހޭ ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބޮކްސް އޮފީހުގައި ފިލްމް ހޯދާ އާމްދަނީ އަށް ބަލައިފައި ތަރިންނަށް އަގު ދިނުމަކީ އެންމެ ރަނގަޅު އެއްގޮތެވެ.

"އަހަންނަށް ގަބޫލު ކުރެވެނީ އެއީހެން މިކަން ކުރަންވާ އުސޫލަކީ. ފިލްމެއް ޕްލޮޕްވުމަކީ އޭގައި މަސައްކަތް ކުރާ އެންމެންނަށް އޭގެ އަސަރު ކުރާނެ ކަމެއް،" އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ބުންޏެވެ.

މިހާރު ވަރަށް މަދުން ފިލްމްތައް ކުޅޭ ދެ ކުދިންގެ މަންމަ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސެޕްޓެމްބަރު 14 ގައި ރިލީޒް ކުރާ "އީލާ" އިންނެވެ. މި ފިލްމަކީ އަޖޭ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.