"ކޮންގް: ސްކަލް އައިލެންޑް" އަށް ބުރަކޮށް މަސައްކަތް ކުރިން، ހިޓަކަށް ވާން ބޭނުން: ޓޮމް
"ކޮންގް: ސްކަލް އައިލެންޑް" އަށް ބުރަކޮށް މަސައްކަތް ކުރިން، ހިޓަކަށް ވާން ބޭނުން: ޓޮމް

އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމް "ކޮންގް: ސްކަލް އައިލެންޑް" ގައި ފެނިގެންދާ ރޯލަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ވާނެ ކަމަށާއި ފިލްމް ވަރަށް ބޮޑު ހިޓަކަށް ހަދަން ބޭނުންވާ ކަމަށް އެކްޓަރު ޓޮމް ހިޑެލްސްޓަން ބުނެފި އެވެ.

އެމެރިކާގެ ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓުގެ ލޯބިވެރިޔާ ޓޮމް ވަނީ އޭނާ އެ ފިލްމްގައި ދައްކުވައިދޭ އެކްޓިންގެ ސަބަބުން ޖޭމްސް ބޮންޑްގެ ރޯލް ކުޅެން ފުރުސަތު ލިބި ދާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

ސީދާ އެ ރޯލުން އޭނާ ފެނިގެން ދާނެކަން ޓޮމް ކަށަވަރު ކޮށެއް ނުދެ އެވެ. އެކަމަކު ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ޖޭމްސް ބޮންޑްގެ ރޯލުން ދެން ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ޓޮމް އެވެ.

ބޮންޑްގެ ރޯލް އެ ސީރީޒްގެ އެންމެ ފަހުގެ ހަތަރު ފިލްމުގައި ކުޅުނު ޑެނިއަލް ކްރެއިގް ވަނީ އެ ރޯލް ދެން ނުކުޅެން ނިންމައިފަ އެވެ.

"ކާމިޔާބު ލޯބީގެ ގުޅުމަކާ އެއްވަރަށް ކެރިއަރުގައި ދައްކާ ޕަފޮމަންސަށް ވެސް އެބަ ޖެހޭ ވަރަށް ބޮޑު ސަމާލު ކަމެއް މިހާރު ދޭން. އަހަރެން ވަރަށް ބޭނުން ބޮކްސް އޮފީހުގައި ސްކަލް އައިލެންޑް ބޮޑު ހިޓަކަށް ވާން،" ޓޮމް، 35، ބުންޏެވެ. "އަހަންނަށް ޔަގީން މި ފިލްމުގައި އަހަރެން ދައްކުވައިދޭ އެކްޓިންގެ ސަބުން ގިނަ ބަޔަކު ގަބޫލުކުރާނެ އަހަންނަށް ވެސް ބޮންޑްގެ ރޯލް ކުޅެވިދާނެކަން."

"ކޮންގް: ސްކަލް އައިލެންޑް" މާޗް 10، 2017 ގައި ރިލީޒް ކުރަން ތާވަލްކޮށްފައި ވާއިރު، ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

ޖޯޑަން ވޮޓް-ރޮބަޓްސް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން/އެޑްވެންޗާގެ ކާސްޓުންގެ ތެރޭގައި ސެމްއެލް އެލް ޖެކްސަން، ބްރީ ލާސަން އަދި ކޯރޭ ހޯކިންސް ފަދަ ތަރިން ހިމެނެ އެވެ.

ޓޮމްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޯ: ރެގްނަރޮކްް" ހިމެނެ އެވެ.