ހާޝްވަރްދަން ކަޕޫރްގެ ދެވަނަ ފިލްމް ވެސް ބަލާނެ ބަޔަކު ނުވި
ހާޝްވަރްދަން ކަޕޫރްގެ ދެވަނަ ފިލްމް ވެސް ބަލާނެ ބަޔަކު ނުވި

އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރްގެ ދެވަނަ ފިލްމް "ބަވޭސް ޖޯޝީ" ވެސް ބަލާނެ ބަޔަކު ނުވެގެން، އޭނާ އަށް އަނެއްކާ ވެސް ބޮޑު ނާކާމީބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސުޕަހީރޯ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި "ބަވޭޝް ޖޯޝީ" ހުކުރު ދުވަހު ސިނަމާތަކަށް ގެނައީ، ހާޝްގެ ދައްތަ ސޯނަމް ކަޕޫރް ވެސް މުހިއްމު ރޯލެއް ކުޅެފައިވާ "ވީރޭ ދީ ވެޑިން" އާ އެކުގަ އެވެ. މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ވެސް ކާސްޓުންގެ ތެރޭގައި ހިމެނޭ މި ފިލްމް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، ހާޝްގެ ފިލްމު ވީ ސުމަކަށެވެ.

މި ފިލްމްގެ ފެށުން ވެސް ދިޔައީ ވަރަށް ވަނދުކޮށެވެ. ރިލީޒް ކުރި ދުވަހު ވެސް ފިލްމަށް ބެލުންތެރިންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު "ވީރޭ ދީ ވެޑިން" ވަނީ ރޮކެޓެއްހެން އަރައިގެން ގޮސް، އެ ފިލްމްގެ ޖާދޫގައި އެތައް ބަޔަކު ޖައްސުވައިފަ އެވެ.

"ބަވޭޝް ޖޯޝީ" އާ ބެހޭ ގޮތުން ގިނަ ކްރިޓިކުން ބުނެފައި ވަނީ މިއީ ޝައުގުވެރިވާ ކަހަލަ އެއްވެސް ކަމެއް ނެތް، ފޫހިކަން ބޮޑު ފިލްމެއް ކަމަށެވެ. އަދި ފިލްމްގައި ވާހަކައިގައި ވެސް މާ ބޮޑު އޮއްޓަރެއް ނެތް ކަމަށާއި ވިކްރަމަދިތިޔާ މޮޓްވާނާގެ ޑައިރެކްޝަނުގައި އެއްވެސް ޗަސްބެއް ނެތް ކަމަށް ބުނެފައި އެވެ.

"ބަވޭޝް ޖޯޝީ" އަށް ކްރިޓިކުން ދިން ރޭޓިން ވެސް ހުރީ، ފަސް ތަރިން ދެ އަކަށްވުރެ ދަށުގަ އެވެ.

މި ފިލްމަކީ 2016 ގައި ރިލީޒް ކުރި ހާޝްގެ ފުރަތަމަ ފިލްމް "މިރްޒިޔާ" އަށް ފަހު، އޭނާ ކުޅުނު ފުރަތަމަ ފިލްމެވެ.

ފިލްމީ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކެރިއަރުގެ އެންމެ ކުރީކޮޅުގައި ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދޭ ކަހަލަ ފިލްމެއް ހާޝް އަށް ނުގެނެސް ދެވޭ ނަމަ، އެއީ އޭނާ ވަރަށް ސީރިއަސްކޮށް ވިސްނައިލަން ޖެހޭ މައްސަލައެކެވެ.

އެހެންވެ ފިލްމްތައް ހޮވުމުގައި ވަރަށް ބޮޑަށް ހާޝް، 27، ވިސްނަން ޖެހޭ ކަމަށް ގިނަ މީހުން ބުނެފައިވެ އެވެ. އަނެއްކޮޅުން އޭނާއަކީ އަނިލްގެ ދަރިއަކަށްވާތީ، ހާޝްއާ ދޭތެރޭ ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. އެކަމަކު ކުޅުނު ފުރަތަމަ ދެ ފިލްމް ވެސް ފްލޮޕްވުމަކީ ޒުވާން އެކްޓަރުގެ ކެރިއަށް އޮތް ބިރަކަށް ވެސް ވެދާނެ އެވެ.

"ބަވޭޝް ޖޯޝީ" އަކީ ކުރިން އިމްރާން ހާނާއި ސިދާތު މަލްއުތުރާ އާއި ޝާހިދު ކަޕޫރް ފަދަ އެކްޓަރުން ނުކުޅެ ދޫކޮށްލި ފިލްމެކެވެ.

ޖުމްލަ 30 ކްރޯޑް ރުޕީސް (4.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ބަވޭޝް ޖޯޝީ" ގެ އާމްދަނީ ވެސް ވެސް ބޮކްސް އޮފީހުގައި ހުރީ ގާތްގަނޑަަކަށް 50 ލައްކަ ރުޕީސްގަ އެވެ. މިއީ ހަގީތުގައި ސުމެއްގެ ވިޔަފާރިވެރިއެކެވެ.

ވިޔަފާރި ދިރާސާ ފަރާތްތަކުން ބުނި ގޮތުގައި "ބަވޭޝް ޖޯޝީ" އެންމެ ފުރަތަމަ ރިލީޒް ކުރަން ހަމަޖެއްސި ތާރީހު ކަމަށްވާ މެއި 25 ގައި ސިނަމާތަކަށް ގެނައި ނަމަވެސް ތަންކޮޅެއް ރަނގަޅުވީހެވެ.

މި ޒަމާނުގެ ހަތަރު އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ "ވީރޭ ދީ ވެޑިން" ގެ އާމްދަނީ އަށް ބޮކްސް އޮފީހުގައި މިހާތަނަށް 30 ކްރޯޑަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ފިލްމް ބްލޮކްބަސްޓާއަކަށް ވާނެކަމުގެ އުންމީދު ބޮޑު ކަމަށް ކްރިޓިކުން ބުނެފައިވެ އެވެ.

މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ބެލުންތެރިން ސިއްސުވައިލާ ކަހަލަ ފިލްމެކެވެ.

ހާޝްގެ ކުރިއަށް އޮތް ފިލްމަކީ ބައްޕަ އަނިލް ވެސް މުހިއްމު ރޯލެއް ކުޅޭ، އިންޑިއާގެ ކުރީގެ ޕްރޮފެޝަނަލް ޝޫޓަރު އަބިނަވް ބިންދްރާގެ ބައޮޕިކެވެ. މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާ މި ފިލްމްގައި ހާޝް ކުޅޭނީ އަބިނާވްގެ ރޯލެވެ.