ނާކާމިޔާބީގެ ޒިންމާ ނަގަން، ހާލަތު ބަދަލުކުރަން ބޭނުން: ނަޒީހު
ނާކާމިޔާބީގެ ޒިންމާ ނަގަން، ހާލަތު ބަދަލުކުރަން ބޭނުން: ނަޒީހު

އެސްޓީއޯ މާލޭ ލީގުގެ ފުލަށްދާ ދެ ޓީމަށް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރުކުރަން ޖެހިފައިވަނީ ރެލިގޭޝަން (ކޮލިފިކޭޝަން) ކުޅޭށެވެ. ލީގުގެ އެންމެ ފުލުގައި އޮތް ވެލެންސިއާ ރެލިގޭޝަންގައި ކުޅެން ޖެހޭނެކަން ޔަގީންވެފައި އޮތްއިރު، ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް އަދި ގަދަ ހަޔެއްގެ މެތަމެޓިކަލް ޗާންސެއް އެބައޮތެވެ. އެކަމަކު އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މިހާރު ތައްޔާރުވަނީ ރެލިގޭޝަނުގައި ކުޅެން ކަމަށެވެ.

ލީގުގައި ބާކީ ދެ މެޗު އޮތްއިރު، ގްރީން ސްޓްރީޓްސް ހަ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީގެ އޮތީ އަށް ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ދެން ގަދަ ހަޔަކުން ފުރުސަތު ލިބޭނީ ގްރީން ސްޓްރީޓްސް ބާކީ އޮތް ދެ މެޗުން ބަލިވެ، ޔުނައިޓެޑް ވިކްޓަރީ ކުޅޭ ދެ މެޗުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. ގްރީން ސްޓްރީޓްސްގެ ފައިދާ އެއް ގޯލު އޮތްއިރު، ޔުނައިޓެޑް ވިކްޓަރީގެ އޮތީ ގެއްލުން 16 ގޯލެވެ.

"މެތަމެޓިކަލް (ފުރުސަތަށް) ބަލާއިރު ބައިވަރު ގޯލު ވެސް ޖަހަން ޖެހޭ. އަނެއްކާ އަނެއް ޓީމު (ގްރީން ސްޓްރީޓްސް) ވެސް ސީދާ ބަލިވާން ޖެހެނީ. ދެން މި ކޮޅުން ޖަހަންޖެހޭ ޑަޒަނަކަށް ވުރެ ގިނަ ގޯލު. އުއްމީދު ކަނޑާލައިގެން ނުވާނެ އަޑިއަށް ދަން ދެން،" ހޮނިހިރު ދުވަހުގެރޭ ޓީސީއާ 1-1 އިން އެއްވަރުވި މެޗަށް ފަހު ނަޒީހު ބުންޏެވެ.

މިދިޔަ އަހަރު މާލޭ ލީގުގެ މެޗަކަށް ފަހު ނަޒީހު ބުނީ އެ ފަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ގެއްލިފައިވަނީ ގޯސްތަކެއް ހެދިގެން ކަމަށެވެ. އަދި އެކަން ރަނގަޅުކޮށް މި އަހަރު އެ ޓީމުން ދިވެހި ޕްރިިމިއާ ލީގަށްދާން ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. މި ސީޒަނުގެ ފުރަތަމަ ދެ މެޗުން ރަނގަޅު ނަތީޖާތަކެއް ނެރެފައި ފަހުން ޔުނައިޓެޑް ވިކްޓަރީ ވަނީ ގާތްގާތުގައި ގިނަ މެޗުތަކުން ބަލިވެފަ އެވެ. ނަޒީހު އަމިއްލަ އަށް ކަނޑައެޅި ގަދަ ހަތަރެއްގެ ޓާގެޓް ހާސިލްނުވެ ދިޔައިރު، ކްލަބުން ދިން ޓާގެޓް ކަމަށްވާ ގަދަ ހަޔެއް ވެސް ކާމިޔާބު ނުވި އެވެ.

"ޒިންމާ ނަގާނީ އަޅުގަނޑު. ކަން ނުވުމުގެ ހުރިހާ ޒިންމާއެއް ނަގާނީ ކޯޗު. އެއީ އަޅުގަނޑު،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ޔުނައިޓެޑް ވިކްޓަރީ އަށް ދިމާވި ކަންތައްތައް ހޯދުމަށް އެ ޓީމު ކުޅުނު ހުރިހާ މެޗެއް ބަލާފައިވާ ކަމަށާއި ދިމާވި މައްސަލަތައް ހޯދާފައިވާ ކަމަށެވެ. އޭނާ އަށް ފާހަގަވީ މައިގަނޑު ދެ ކަމެކެވެ.

"އެންމެ ފުރަތަމަ ކަމަކީ އެކަކު އަނެކަކަށް ބްލޭމް ކުރުން. ފުރަތަމަ ދެ މެޗު ރަނގަޅަށް ދިޔައީމަ. ދެން ފަހުން މިސްޓޭކެއް ހެދުނީމަ ވެސް މި ދެކެނީ އެންމެ އާދައިގެ މީހާ ވެސް ޖެހެޔޭ އެންމެ މޮޅު މީހާއާ އެއްވަރަށް ކުޅެން. އެ އެކްސްޕެކްޓޭޝަން މާ ބޮޑީ. ދެ ވަނަ ކަމަކީ ނުވާނެއޭ ކިޔައިގެން އެ ވިސްނުމުގައި ދަނޑަށް ނުކުތުން. މި ވިސްނުމުގައި ނުކުމެގެން ނުވާނެ. އެ ވެސް ބަދަލުކުރަން ޖެހޭ." ނަޒީހު ބުންޏެވެ.

މިހާރު އޮތްގޮތުން ރެލިގޭޝަނުގައި ކުޅޭނީ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އަދި ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

ނަޒީހު ބުނީ ރެލިގޭޝަނުގައި ޔުނައިޓެޑް ވިކްޓަރީން ތަފާތު ދައްކާނެ ކަމަށެވެ. އަދި ކުރިން އެ ޓީމާއި މާޒިޔާ އަށް ކުޅުނު ކްރޮއޭޝިއާގެ ފޯވާޑް އަންދްރޭ ކެރިޗް ޓީމާ ގުޅޭނެ ކަމަށް ބުންޏެވެ.

"ރެލިގޭޝަނަށް ދާއިރު ޕޮޒިޓިވް ކަންތައްތަކެއް ފެނިއްޖެ. ގޯލު ނުޖަހައެއް ނުވާނެ. ރެލިގޭޝަނަށް ދާއިރު ގޯލު ފެންނާނެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ބޭރު ދެމީހުން އެބަ ގެންނަން. މިޑްފީލްޑް ތެރެ ވެސް ރަނގަޅުވާނެ. ގޯލު ޖަހާ ވަރު މީހެއް ގެންނަނީ ރާއްޖޭ ލީގުގައި ވެސް ޖަހާފައި ހުރި މީހެއް. އެއީ ކެރިޗް،" ނަޒީހު ބުންޏެވެ.

މިދިޔަ އަހަރު ރެލިގޭޝަން ކެންސަލްވީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޒެފްރޯލާއި ދެ ވަނަ ކުޑަހެންވޭރު ޔުނައިޓެޑަށް މާލީ ހާލަތުގެ ސަަބަބުން ކުޅެވެން ނެތުމުންނެވެ. އެއާ އެކު މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ، ވިކްޓަރީ އަދި އީގަލްސް އަށް ވަނީ އޮޓޮމެޓިކުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުވެފަ އެވެ.

މާލޭ ލީގު ކޮލިފިކޭޝަން އޮންނާނީ މި މަހު ފަހުކޮޅުގަ އެވެ.