04 ޖޫން 2018 - 08:51

ބޮޑު ހަރަދުކޮށް މިދިޔަ އަހަރުގެ ސީޒަނާ ކުރިމަތިލީ ނިއު ރޭޑިއަންޓަށް ފުރަތަމަ މުބާރާތް، އެސްޓީއޯ މާލޭ ލީގުގައި އެންމެ އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުން ޕޯޗުގަލް ކޯޗު ބެނާޑޯ ޓަވަރޭޒް ވަކިކުރި އެވެ. އަދި ލީގުގެ ފަހުކޮޅަށް ސްޕެއިން ކޯޗެއް ކަމަށްވާ އޮސްކާ ބްރުޒޮން ގެނަ އެވެ. އޭނާ އަށް އައިސް ބުނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކުޅުން ބަދަލުކޮށް ނަތީޖާ ނެރޭނެ ކަމަށެވެ. އެކަން ދައްކައިދީފި އެވެ. އޭނާ ފުރިހަމަ ކުރި ހަތަރު މުބާރާތުގެ ތަށި ވެސް ހޯދައިދިނީ އެވެ. މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި ރޭ ކާމިޔާބުކުރި މި އަހަރު އެސްޓީއޯ މާލޭ ލީގެވެ.

"މީގެ އަހަރެއް ކުރިން އަހަންނަށް ޗެއާމަންގެ ކޯލްތަކެއް ދިޔައީ އަންނަމުން. އޭނާ ބޭނުންވީ ކުޅުމުގެ ސްޓައިލް ބަދަލުކުރަން. ކޮމްބިނޭޝަން ފުޓްބޯޅައެއް ކުޅެ ސްޕެނިޝް ސްޓައިލެއް ގެންނަން. އަހަރެން އޭރު ވެސް ބުނިން ރަނގަޅު ކުޅުންތެރިންތަކެއް ތިބިއްޔާ ވާނެކަން،" ވެލެންސިއާ އަތުން ރޭ 5-0 އިން މޮޅުވި މެޗަށް ފަހު އޮސްކާ ބުންޏެވެ.
އޭނާ މި ހަތަރު މުބާރާތް ވެސް ކާމިޔާބުކޮށްދީ، އޭނާ ގާތު ޗެއާމަން އެދުނު ގޮތަށް ރީތި، މޮޅު ފުޓްބޯޅައެއް ވެސް ކުޅުވައިގެންނެވެ. ހާއްސަކޮށް މިދިޔަ ސީޒަނުގަ އެވެ.
"އެހެންވީމާ އަހަރެން އެބަޖެހޭ އަހަރެން ވަށައިގެން ތިބި އެންމެންނަށް ޝުކުރުއަދާކުރަން. އަހަންނަކީ ނަސީބު ގަދަ މީހެއް. ސަބަބަކީ އަހަރެން އަތުގައި މިތިބީ (ރާއްޖޭގައި ތިބި) އެންމެ މޮޅު ކުޅުންތެރިން. ދިވެހި ކުޅުންތެރިންނާއި ބޭރު ކުޅުންތެރިންނަށް ބެލިޔަސް،" ކުރިން އިންޑިއާ ލީގުގައި މަސައްކަތްކުރި އޮސްކާ ބުންޏެވެ.
އޮސްކާ ހަވާލުވިއިރު ވެސް ނިއުގައި އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އަދި އަކްރަމް އަބްދުލްގަނީ ފަދަ ކުޅުންތެރިން ތިއްބެވެ. އަދި އޮސްކާގެ ރަސްމީ ފުރަތަަމަ މުބާރާތް ކަމަށްވާ މިދިޔަ އަހަރުގެ ޕްރިމިއާ ލީގާ ހަމައިން އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ސްޕެއިނުގެ ކަންޑޭލާ ގުޅުން ވެގެން ދިޔައީ އޭނާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.
އޭނާ ބުނީ ނިއު އަށް ޖެހިޖެހިގެން ހަތަރު ތަށި މި ލިބުނީ ވަރަށް ދުވަސްފަހުންކަން އެނގިފައިވާ ކަމަށާއި އެކަމުގައި ފާހަގަކުރަން ބޭނުންވަނީ ކުޅުންތެރިންގެ މަސައްކަތް ކަމަށާއި ބާކީ ދެ މެޗު އޮއްވާ އެކަން ހާސިލްކުރުމަކީ ފަސޭހަަކަމެއް ނޫން ކަމަށެވެ.
"މިއީ އުފާފާޅުކުރުމުގެ ވަގުތު. އެކަމަކު އަހަރެމެން ވިސްނުމުގައި އެބަޖެހޭ ދިވެހި ޕްރިމިއާ ލީގު ވިސްނުން ބަހައްޓަން. އަހަންނަށް އަދިވެސް އިހުސާސްކުރެވެނީ އެންމެ ރަނގަޅު މަސައްކަތެއް ނުކުރެވޭކަން ސަބަބަކީ އޭއެފްސީ ކަޕް ދެ ވަނަ ބުރަށް ނުދެވުމުން. އެކަމަކު މި ޓީމު އަންނަނީ މެޗަކަށް ފަހު މެޗެއް، ހަފުތާއަކަށް ފަހު ހަފުތާއެއް ކުރިއެރުން ހޯދަމުން. އެގޮތުގައި ދާން ޖެހޭނީ،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ފުޓްބޯޅައިގައި މާބޮޑު ސިއްރުތަކެއް ނޯންނަފަދައިން ނިއުގެ ކާމިޔާބީގައި ވެސް ސިއްރެއް ނެތް ކަމަށާއި ހަމައެކަނި ސަބަބަކީ އެންމެން އެއްކޮށް މަސައްކަތްކުރުން ކަމަށެވެ. މެނޭޖްމަންޓާއި ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓަރުންގެ ވިސްނުން އެއް ދިމާލަކަށް ހުރުމުން ހުރިހާ ކަމެއް ފުރިހަމަކަމަށް އޭނާ ބުންޏެވެ.
ދިވެހި ލީގަށް ޓީމު ވަރުގަދަކުރަން އޮސްކާ ބޭނުންވެ އެވެ. އެކަމަކު އޭނާ ބުނީ މިހާރުގެ ހުރިހާ ކުޅުންތެރިން މަޑުކުރުވަން ބޭނުންވާ ކަމަށާއި އުއްމީދަކީ ލީގުގައި ވެސް މައިގަނޑަށް އެ ކުޅުންތެރިން ހެދުން ކަމަށެވެ.
"އަދި ބައެއް މަގާމްތަކަށް ކުޅުންތެރިން އިތުރުކުރަން ބޭނުންވޭ. އެކަމަކު މި ދެ ދުވަސް ދޫކޮށްލަމާ. އެއީ މި ތަށި ހޯދައިދިން ކުޅުންތެރިންނަށް އެބަޖެހޭ އިހުތިރާމް ކުރަން،" އޮސްކާ ބުންޏެވެ.