04 ޖޫން 2018 - 09:30

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަން، ސިންގަޕޫރްގައި ހައްދާ އޯކިޑް މަލަކަށް ދީފި އެވެ.
މިކަން އިއުލާންކޮށް، މޯދީ އަށް މަލުގެ ފޮޓޯއަކާއި މަލާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުމެއް ސިންގަޕޫރުގެ ނެޝަނަލް އޯކިޑް ގާޑަން އިން ވަނީ އަރުވައިފަ އެވެ. ސިންގަޕޫރަކީ އޯކިޑްގެ މާ ހެއްދުމަށް މަޝްހޫރު ގައުމެކެވެ. އަދި އެ ގައުމުގައި ހައްދާ އޯކިޑް މަލުގެ ވައްތަރުތައް ގިނަވެފައި، އޯކިޑް ބަގީޗާތައް ވެސް ބައިވަރެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ސިންގަޕޫރަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ. މޯދީގެ ނަން ދިނީ ޑެންޑްރޯބްރިއަމް އޯކިޑާ ގުޅުވައިގެންނެވެ. އެ މަލުގެ ފުރިހަމަ ނަމަކީ "ޑެންޑްރޯބްރިއަމް ނަރެންދުރަ މޯދީ" އެވެ.
ޑެންޑްރޯބްރިއަމް އޯކިޑް ގަސް 38 ސެންޓި މީޓަރަށް ދިގުވާ އިރު، ގޮފިތަކުގައި 14-20 ދެމެދުގެ އަދަދަކަށް ހުދާއި ގަދަ ދަނބު ކުލައި މަސްހުނި މާތަކެއް އަޅަ އެވެ.
ސިންގަޕޫރްގެ އޯކިޑް މަލަކަށް އެ މޯދީގެ ނަން ދިނުމުން އެކަމަށް ޝުކުރު އަދާ ކުރައްވައި ވިދާޅުވީ މިއީ ސިންގަޕޫރުން ދިން ވަރަށް އަގުހުރި ހަދިޔާއެއް ކަމަށެވެ. އަދި އޯކިޑް މަލަކަށް މޯދީގެ ނަން ދިނުމަކީ ވަރަށް ބޮޑު ފަހަރަކާއި ޝަރަފެއް ކަމަށް ވިދާޅުވި އެވެ.