03 ޖޫން 2018 - 14:57

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިން ދެ ހެކިންނަކީ ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއް ކަމަށް ކަނޑައެޅޭނެ އަސާސެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފި އެވެ.
ދަށު ކޯޓުގެ ދެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ދަށު ކޯޓުގައި ސިއްރުން ހެކިބަސް ދިނީ ދެ ފަނޑިޔާރެކެވެ. އެ ދެ ހެކިންގެ ބަހަށް ބިނާކޮށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ބޭފުޅުން ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން މިއަދު ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް ފާހަގަކުރި މައިގަނޑު އެއް ނުކުތާއަކީ ހެކިބަސް ދިން ފަނޑިޔާރުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ ފާހަގަކުރި ނުކުތާ އެވެ.
އެ ނުކުތާއާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ދެ ހެކިންގެ ތެރެއިން އެއްވެސް ހެކިވެރިއަކީ އެ ފަރާތްތަކުން ކޮށްފައިވާ ހުވަޔާއި ޚިލާފްވެފައިވާ އަދި ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެކަން އެގޮތަށް ކަނޑައެޅޭނެ އަސާސެއް ވެސް ނެތް ކަމަށެވެ.
މީގެ އިތުރުން އިސްލާމީ ޝަރީއަތުގައި ހެކިބަސް ގަބޫލު ނުކުރެވެނީ ބޮޑު ފާފައަކަށް އަރައިގެންފައިވާ ފާސިގުން ކަމަށްވާ ހާލަތުގައި ކަމަށާއި އެކަމަކު އެ މައްސަލާގައި ހެކިބަސް ދިން ހެކިންނަކީ އެފަދަ ހާލަތެއްގައި ތިބި ބައެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުވާކުރީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން މުވާސަލާތު ކޮށްފައިވާތީ ކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައި ވަނީ ގާނޫނުލް އުގޫބާތު އޮތްގޮތުން އެ ދައުވާއާ ގުޅިގެން ކޯޓުން ބަލަން ޖެހޭނީ ދައުވާގައި ބުނާ ގޮތަށް މުވާސަލާތެއް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ބެލުން ކަމަށެވެ. އަދި ނުފޫޒުގައި ޖެހުނު މުވައްޒަފު ވަކި ގޮތަކަށް އަމަލު ކުރިތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ ދައުވާއާ ގުޅިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
"ދައުވާގައި ބުނެފައިވާ ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާ ކަމަކަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އެ ނުފޫޒުގައި ޖެހިގެން ނުވަތަ އެ ނުފޫޒަށް ލެނބި، އެ މުވައްޒަފަކު ވަކި ގޮތަކަށް އަމަލު ކޮށްފައިވޭތޯ ބަލައި، އެއާ މެދު ގޮތެއް ކަނޑައެޅުމަކީ އެ ދައުވާއާ ގުޅިގެން ޝަރީއަތުން ކުރަންޖެހޭ ކަމެއް ނޫން،" އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރުގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ބަޔަށް ހައި ކޯޓުން ތާއީދު ކުރިޔަސް، ހައި ކޯޓުން ވަނީ އެ ދެ ބޭފުޅުންނަށް ކަނޑައެޅި އަދަބު ކުޑަކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އެ ދެ ބޭފުޅުންނަށް ކަނޑައެޅީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް، ހައި ކޯޓުން ނިންމީ އެ ބޭފުޅުންނަށް ކަނޑައަޅަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.