27 ޖުލައި 2016 - 07:13

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
"އަޅެ ހިނގާބަލަ ހިނގާލަން ދާން،" ފަހަރި އެދުނެވެ. "އަހަރުމެން އެންމެން ދަމޭ."
މަނާރަތަކީ އަހަރެންގެ ދަރިއެއް ނަމަވެސް، ގޭގެ އެންމެންގެ ހިތުގައި ރަނިކަން ކުރާ ކުއްޖެކެވެ. އެންމެން ވެސް މަނާރަތު ދެކެ ލޯބިވެއެވެ.
"ތިއޭ މައްސަލައަކީ،" ދެ ފިކުރެއްގައި ހުރެފައި އަހަރެން ބުނީމެވެ. "މަގޭ ދަރި ބަލާނީ ކާކު؟"
"ދެން ސާބަހޭ،" ފަހަރި ބުންޏެވެ. "މީ ރޯދަމަހޭ. ނުވާނެ އެއްކަމެއް ވެސް. ހިނގާބަލަ! ދޮންބެ ވެސް ހުންނާނެއްނު."
"ދޮންބެ ދެންމެ އެ ދިޔައީ އޮފީހަށް،" އަހަރެން ބުނީމެވެ. "އަޅެ ގުޅާބަލަ!"
ފަޔާޒަކަށް ނާދެވުނެވެ. އެހެންނަމަވެސް، އެންމެން ކިޔާތީ އަހަރެން އެއްބަސްވީމެވެ. އަހަރުމެން ދިޔައީ އިސްޓޭޑިއަމް ސަރަޙައްދަށެވެ. އެ ތަން އޮތީ ހުޅުދާން ކޮށްފައެވެ. ކަސްރަތު ކުރާ މީހުންނާއި ދުވާ މީހުން ވެސް އުޅުނެވެ. ފޫހިފިލުވައިލަން އިށީނދެގެން ތިބި މީހުންނާއި، ދުވެ ސަކަރާތްޖަހާ ކުދިން ވެސް އުޅުނެވެ. ގަޑިން ދިހަގަޑި ބައިވިޔަސް، އެ ތަނުގެ ޒުވާންކަމަށް ބަދަލެއް ނާދެއެވެ. މަނާރަތުގެ އުމުރުން އޭރު އެއް އަހަރާއި ދިހަ މަހެވެ. އަހަރެންގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ހުއްޓެވެ. އެކަމަކު ހިތަށްއެރިއެވެ. އެ ހުރިހައި ކުޑަ ކުދިން ތިއްބައި މަނާރަތަށް އެކަނި ކަމެއް ވާންވީ ކީއްވެ ހެއްޔެވެ؟ އެ ތަނުގައި ބެހެއްޓުމާއެކު އަތްޖަހައިފައި މަނާރަތު ބޭނުންވީ ދުއްވައިގަންނާށެވެ. އޭނަ ހުރީ ވަރަށް އުފާވެފައެވެ. ހީނ، މަޖާކޮށް، ނަށާހެދިއެވެ. އަހަންނަށް ހުރެވެނީ މަނާރަތުގެ ހަރަކާތްތަކަށް ބަލާށެވެ. ކަމެއް ނުވާނެކަން އެނގުނަސް ކަމެއް ވެދާނެހެން ހީވާތީއެވެ. އަހަންނަކީ އެ މިޒާޖުގެ މީހެކެވެ.
ގެއަށް އައިއިރު ވެސް މަނާރަތުގެ ފަރާތުން އާދަޔާޚިލާފު ކަމެއް ނުފެއެވެ. ނިދިއައިސްފައި ހުރުމުން، ގައި ދޮއްވައިލައިފައި މަނާރަތާ އެއްކޮށް އަހަރެން ވެސް ނިދަން އޮށޯތީމެވެ. ބުއްބޯއިރު އަހަރެންގެ މޭމަތި އެއްކޮށް ހާމަކޮށް ބާއްވަން މަނާރަތު ބޭނުންވެއެވެ. ސަބަބު ނޭނގުނަސް، ކުރާހިތް ނުވިޔަސް އަހަރެން އެ ކަން ކުރަމެވެ. އެ ނޫން ގޮތަކަށް ދަރިފުޅު ބުއްނުބޯތީއެވެ. ދެ މަސް ދުވަހު ކެތް ކޮށްލާނީއޭ ހިތަށްއެރިއެވެ. ކޮންމެއަކަސް، އެ ރޭ އަހަންނަށް ނިދިނިދި އޮއްވައި، މަނާރަތު ހޭންފެށިއެވެ. ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިން އަޑެއްބަޑެއް ނީވެއެވެ. އެ ފަދަ ވަގުތުގައި މަނާރަތުގެ ހުނުމުގެ އަޑު އަހަރެންގެ ކަންފަތަށް ފަސޭހައެއް ނުވިއެވެ. ހިތުގައި އުފެދުނީ ބިރުވެރިކަމެކެވެ. މަނާރަތާ ދިމާއަށް އަހަރެން ބަލައިލީމެވެ. އޭނަ އޮންނަނީ، ކޮޓަރީގެ ކަނަކާ ދިމާއަށް، ވައްކަޅިން ބަލާށެވެ. އެހެން އޮވެފައި، ކުއްލިއަކަށް މޫނުގައި ދެ އަތް އަޅައިފައި އަތް ނަގައިފައި ހީނގަނެއެވެ. ހީވަނީ ރައްޓެއްސަކަށް ފީކޯއި ކިޔާހެންނެވެ. މަނާރަތު ބަލާ ކަނަކުން އަހަންނަކަށް އެކައްޗެއް ވެސް ނުފެނެއެވެ. ކުޑަމިނުން އަލި ކުލައެއްގެ އެއްޗެއް ވެސް އެ ތާކު ނެތެވެ. ފަޔާޒް އޭރު ވެސް ގެއަކަށް ނާދެއެވެ. އެހެންކަމުން ފޯނުކުރީމެވެ. އައުމަށް އެދުނީމެވެ. ގޭގެ އެހެން މީހަކު ހޭލައްވާކަށް އަހަރެން ނުވިސްނަމެވެ. ފަޔާޒު ވަގުތުން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް މަނާރަތު ތެދުވިއެވެ. އެނދުމަތީގައި ނަމާދުކުރަން ފެށިއެވެ. ކުރަންޖެހޭ ގޮތަކަށް ނޫނެވެ. އެ އުމުރުގެ ކުއްޖަކު ކުރާ ގޮތަށެވެ. ހަށަންބަނދެއެވެ. ސަޖިދައަށް ވެސް ދެއެވެ. އެއްފަހަރު ތެދުވި ގޮތަށް އޭނަ ހުއްޓުންއެރިއެވެ. އަހަރެން ވިސްނައިލިއިރު މަނާރަތު ބަލަހައްޓައިގެން ހުންނަނީ އޭނަގެ އަމިއްލަ ހިޔަންޏަށެވެ. ގައިމު ވެސް އަހަންނަށް ފެންނަނީ ދަރިފުޅުގެ ހިޔަންޏެވެ. ނިދާބޮކީގެ ފަނޑު އަލިން ފާޅުވެފައި ހުރި ފަނޑު ހިޔަންޏެކެވެ. އަނެއްކާ ވެސް ކަނާ ދިމާއަށް ބަލައިލައިފައި، އަތްޖަހައިފައި ހީނގަތެވެ. އާންމު ގޮތެއްގައި ދިހަވަރަކަށް މިނެއްޓު ތެރޭގައި ފަޔާޒު އާދެއެވެ. އެ ރޭ އަހަންނަށް ހީވީ ދިހަ ގަޑިއިރު ވިހެންނެވެ. ޤުރުއާން ކިޔަވަން އަހަރެން މަސައްކަތް ކުރީމެވެ. ކިޔާނެ ވަކި އާޔަތެއް ހަނދާނެއް ނުވިއެވެ. ކުރުސީގެ ވެސް ހަނދާން ހުރީ ކުޑަ ތަންކޮޅެކެވެ. ފޯނުން ޤުރުއާން ޖެހުމުގެ ޚިޔާލު އައެވެ. ފޯނުން ފުރަތަމަ ފެނުނު ސޫރަތް ޖަހަން ފެށީމެވެ. ކުއްލިއަކަށް އަހަންނާ ދިމާއަށް މަނާރަތު ފުންމައިގަތެވެ. ހީވީ ރާމާމަކުނެއް ފުންމައިގެން އައިހެންނެވެ. އަހަންނަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. މަނާރަތު އަޑުގެ ކޮޅަށް ރޯން ފެށިއެވެ. ޤުރުއާން ނިއްވައިލުމާއެކު ރުއިން ހުއްޓައިލައެވެ. ޖަހަން ފަށާއިރަށް ރޮއިގަނެއެވެ. ޤުރުއާން ނިއްވައިލައިފައި ދަރިފުޅު ގައިގަ ބައްދައިލީމެވެ. ވާހަކަދައްކަން ފެށީމެވެ. ނަސީބަކުން އެ ވަގުތު ފަޔާޒް އައެވެ. ހޮޅިބުރި ދިއްލިއެވެ. އޭތިމީތި ކިޔައިގެން މަނާރަތުގެ ސަމާލުކަން އަތުލުމަށް ފަޔާޒް މަސައްކަތް ކުރިއެވެ. ފަޔާޒްގެ އެ ހިތްވަރެއް ކުރިން އަހަރެން ނުދެކެމެވެ. އިރުކޮޅަކުން ރުއިން ހުއްޓައިލިއެވެ. ދެން އެނބުރުނީ ކޮޓަރީގެ ކަނާދިމާއަށެވެ. ކަނާ ދިމާއަށް އަތް ދިއްކޮށްލައިފައި، އޭނަ އެ ތަނަށް ގެންދިއުމަށް ފަޔާޒް ގާތުގައި އެދުނެވެ. އަހަންނާ ދިމާއަށް ފަޔާޒް ބަލައިލިއެވެ. އަހަރެން ބޮލުން އިންކާރު ކުރީމެވެ. އަނެއްކާ މަނާރަތު ރޮއިގަތެވެ. ފަތިސްވަންދެން އަހަރުމެން އުޅުނީ އެ ހާލެއްގައެވެ. މަނާރަތު ހަމައަކަށްއެޅުނީ ބަންގީގެ އަޑު އިވެން ފެށީމައެވެ. ބަންގި ނުނިމެނީސް މަނާރަތު ނިދިއެވެ.
"ކިހިނެއްތަ ދެން ހަދާނީ އަޅެ؟" އަހަރެން ބުނީމެވެ. "ކޮންމެވެސް ހިސާބަކުން މި ކަން އެބަ ނިމެންޖެހެއެއްނު. އަބަދު ކިހިނެއް މިހެން އުޅޭނީ. ފަޔާޒް އަނެއްކާ ތި އުޅެނީ ފުރަން."
އަހަރެންގެ ސުވާލަށް ދޭނެ ޖަވާބެއް ފަޔާޒަކަށް ނޭނގެއެވެ. ދެ އަހަރު ހަމަނުވާ ކުއްޖަކަށް ފަންޑިތަ ހެދުމަކީ އަހަރުމެން ދެމަފިރިން ވެސް ކުރަން އެހާ ބޭނުންވާ ކަމެއް ނޫނެވެ.
"ކޯސް ކެންސަލު ކުރެވިދާނެ. މަށަށް ހުރެވިދާނެ މާލޭގަ،" ޔަގީންކަން ނެތް ރާގެއްގައި ފަޔާޒް ބުންޏެވެ. "ތިހާ ބިރުގަންނަންޏާ.."
"ކަމެއް ނުވެތަ މަ ބިރު..." އަހަންނަށް ބުނެވުނެވެ. "ފަޔާޒް ނުދެކެންތަ މަނާރަތު އުޅުނު ގޮތެއް؟ މައްސަލައެއް ނެތް. މަށަކީ ޝައްކުބަލިން ފޯވެފަ ހުރި މީހެއް. އެކަމަކު ފަޔާޒަށް ފެނުނު ކަންކަމޯ؟"
ކަމެއް ޙައްލު ނުވެ ދިގުދެމެންޏާ އެއީ މައްސަލައެކެވެ. މައްސަލަޖެހުމުން ދެބަސްވެވޭނެއެވެ. ދެބަސްވުން ބަދަލުވާނީ ޒުވާބަކަށެވެ. ވާ ގޮތް އަހަންނަށް އެނގެއެވެ. އަބަދު ގޭގައި އިންނަނީ އަހަންނެވެ. ހުރިހާ ކަމެއް ފެންނަނީ އަހަރެންގެ ލޮލަށެވެ.
"އެއީ ކުޑަކުދިން އުޅޭ ގޮތެއް ނޫންތަ؟" ފަޔާޒް ސުވާލު އުފެއްދިއެވެ. "އަހަރެން މަޝްވަރާކުރި އެންމެން ވެސް ބުނީ އެހެން. ބޮޑުވަމުންދާ ވަރަކަށް އެ ކަހަލަ ކަންކަން ޙައްލުވާނެ. އޮފީހުގަ އިނދެފަ އިރުއިރުކޮޅާ މަ ކިހިނެއް ގެއަށް އަންނަނީ؟ މީގަ އޮތީ ތިން ގޮތެއް. ފަންޑިތަހެދުން. އަމިއްލައަށް ޙައްލު ހޯދުން. އަޅާނުލުން. ތިން ގޮތުން ކުރެ ކޮންމެ ގޮތެއް ވެސް މަށަށް އޯކޭ."
ފަޔާޒަކީ އަހަރެންދެކެ ވަރަށް ލޯބިވާ ފިރިއެކެވެ. މަނާރަތު ދެކެ ވެސް ފަޔާޒް ވަރަށް ލޯބިވެއެވެ. އެހާ ހެޔޮ މީހަކު އަހަރުމެންނަށް ދެރަ ގޮތެއް ވާކަށް ނޭދޭނެއެވެ. ފަޔާޒް ކޯހުގައި ފުރައިގެން ދިޔައީ، ކަމެއް ދިމާވެއްޖެއްޔާ ގުޅާނެ މީހެއްގެ ނަންބަރު ދީފައެވެ. އަހަރެން ނުގުޅަނީސް އެ މީހާ ގުޅިއެވެ. އަހަރެންގެ ހާލުއަހުވާލު ބަލައި، ކަންކަމުގައި ލަފާ ދޭން ފެށިއެވެ. ދަންވަރު ގަޑީގައި ގުޅައި، ނުކުރަންޖެހޭ ސުވާލުތައް ކުރަން ފެށިއެވެ. އެ ހިސާބުން އެ ނަންބަރު "ބްލޮކް" ކޮށްލީމެވެ.
ގޭގައި ޕާޓީއެއް އޮތް ދުވަހެކެވެ. އަހަރުމެން އެންމެން އުޅުނީ ޕާޓީ އޮތް ބައިގައެވެ. އެހެން ކުދިން ހެދިކާ ކާން ފެށުމުން މަނާރަތު ވެސް ހެދިކާ ކާން ބޭނުންވިއެވެ. އަހަރެން ތަށްޓަކަށް ފޮޅިކޮޅެއް ލައިފައި ދިނީމެވެ. އެ ވަގުތު ފޮޅިކާކަށް މަނާރަތު ބޭނުމެއް ނުވިއެވެ.
"ގުޅަ ބޭނުން!" މަނާރަތު އެދުނެވެ.
އަހަރެން ގުޅައެއް ދިނީމެވެ. ދޭއިރަށް އަނެއް އަތް ދިއްކޮށްލިއެވެ. އެ އަތަށް ވެސް ގުޅައެއް ލައިދިނީމެވެ. އެއީ، ކުޑަކުދިންނަށް ކެވޭ ސައިޒުގެ ފުށްގުޅައެވެ. މަނާރަތު ވައަތުގައި އޮތް ގުޅައެއް ނުކައެވެ. ކަނާއަތުގައި އޮތް ގުޅަ ހުސްކޮށްލައިފައި އަނެއްކާ ވެސް ގުޅައެއް ދިނުމަށް އެދުނެވެ. އަހަރެން ދިނީމެވެ. ފަހުން ފޮޅި ކާންވެގެން ބުނުމުން ވެސް ދެ އަތަށް ދެ ފޮޅި ނުދީއެއް ނުފުދުނެވެ. ކަނީ ކަނާއަތުގައި އޮންނަ އެއްޗެވެ. ވައަތުގައި އޮންނަ އެތި ނުދޭން ކުޑަކޮށް ގަދަހަދައިފައި އަނބުރައި ދެއެވެ. އެކަމަކު، ނުއެއް ކައެވެ. ޖޫސް ދޭން އެދުމުން މަނާރަތު މޭޒު ކައިރީގައި ބޭންދީމެވެ. އޭނަ ބޭނުންވީ، ކުރިމަތީގައި ހުރި ގޮނޑި ހުސްކޮށް ބަހައްޓާށެވެ. އެހެން މީހަކު އެ ގޮނޑީގައި އިށީންނައިރަށް މައްސަލަ ޖައްސައެވެ. މަނާރަތަށް ޖޫސްތަށި ދިނުމުން އެހެން ޖޫސްތަށްޓެއް ވެސް ބެހެއްޓުމަށް އެދުނެވެ. ހީވަނީ، ކުރިމަތީގައި ހުރި ގޮނޑީގައި އަހަރުމެންނަށް ނުފެންނަ މަޚްލޫޤެއް އިންނަހެންނެވެ. ހެދިކާ އަޅާ ކަހަލަ ހުސް ތަށްޓެއް ވެސް އެ ތަނުގައި ބަހައްޓަން ޖެހުނެވެ. އެ ހުރިހާ ކަމެއް ފާހަގަ ކުރެވުނީ އަހަންނަށެވެ. އެހެން މީހުންނަށް އެ ކަން ވީ މަޖާކަމަކަށެވެ. އަހަރެން ހިތަށްއެރިއެވެ. މަނާރަތުގެ "ރައްޓެއްސެއް" ހުންނަނީބާއެވެ؟ ހިތަށް އެހެން އެރިޔަސް، އެހެން މީހަކާ އެ މަޝްވަރާއެއް ނުކުރަމެވެ. އިރުކޮޅަކުން ދަރިފުޅު ފޫހިވިއެވެ. ދާން ބޭނުންވިއެވެ.
އަހަރުމެންގެ ބަޔަށް އައިއިރު މަނާރަތު ކަޅުކުލައިގެ، ކުޑަވަރެއްގެ ބޯޅައެއް ގެނައެވެ. އައި ގޮތަށް އައިސް، ފެން ދިނުމަށް އެދުނެވެ. ފެންބޯން ބައިންދައިފައި، ކުރިމަތީގައި ހުރި ގޮނޑީގައި އަހަރެން އިށީނީމެވެ. އަހަރެންގެ ފުރަގަހަށް މަނާރަތު ބޯޅަ އެއްލިއެވެ. އަހަރެން ހީކުރީ މަޖަލަކަށް އެއްލީކަމަށެވެ. ވަކި މީހަކާ ދިމާއަށް އެއްލިކަމަކަށް ހިއެއް ނުކުރަމެވެ. އަހަރެން ފަސްއެނބުރި ބަލައިލީމެވެ. ބޯޅަ ދިޔައީ ސޯފާ އާއި ދޮރުފޮތިގަނޑު ދޭތެރެއަށެވެ. އެ ނަގާކަށް މަނާރަތު ނުބުނެއެވެ. އަހަންނަށް އިނދެވުނީ ސޯފާއަށް ފުރަގަސްދީގެންނެވެ. އެ ވަގުތު ވައިބާއިން މެސެޖެއް އައި އަޑު އިވުނެވެ. ވާހަކަދެއްކީ ފަޔާޒެވެ. އޭނަ އެ ދުވަހު ކެއި އެއްޗެއްގެ ފޮޓޯ ވެސް ފޮނުވިއެވެ. އަހަރެން ފޮނުވީ ޕާޓީ ފޮޓޯއެކެވެ.
"ބޯލް!" އަހަރެންގެ ފުރަގަހަށް އިޝާރާތް ކޮށްފައި، އުފާވެފައި މަނާރަތު ހަޅޭއްލަވައިގަތެވެ.
އަހަންނަށް އެނބުރެވުނީ ކުއްލިއަކަށެވެ. ހަތަރެސްފައި ފިނިވެގެންދިޔައެވެ. ފެންނަން ހުރީ ތަޅުންގަނޑުގައި ހުރި ހިޔަންޏެކެވެ. ހިޔަނީގެ ފައި ކައިރީގައި ބޯޅަ އޮތެވެ. ގަނޑުވެފައި އަހަންނަށް އިނދެވުނެވެ.
ނުނިމޭ