04 ޖޫން 2018 - 09:30

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޮލްޑް ޝްވެޒްނެގާ ވެސް ގަވަރުކަން ކުރި އެމެރިކާގެ ކެލިފޯނިއާގެ ގަވަނަރުގެ މަގާމަށް އަންނަން އިންޑިއާ ދަރިކޮޅުގެ، އެމެރިކާގެ ޒުވާނަކު މަސައްކަތް ފަށައިފި އެވެ.
ގަވަރުނަރަކު އިންތިހާބު ކުރަން މާދަމާ ބާއްވާ އިންތިހާބުގައި ވާދަކުރާ އެންމެ ހަގު ކެންޑިޓޭޓަކީ ވެސް އިންޑިއާގެ އުއްތަރު ޕްރަދޭޝްއާ ހަމައަށް އާއިލީ ގަސް ދެމިގެން ގޮސްފައިވާ 22 އަހަރު ޝުބަމް ގޮއެލް އެވެ. އޭނާއާ އެކު އިންތިހާބުގައި 28 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ޝުބަމް ބުނި ގޮތުގައި އޭނާގެ އެންމެ ބޮޑު އަމާޒަކީ ކެލިފޯނިއާގެ އެންމެ ޒުވާން ގަވަރުނަރުގެ މަގާމާ އެކު، އޮފީހަށް ނުކުމެ، ރައްޔިތުންނަށް ވަފާތެރިކަމާއި އިހުލާސްތެރިކަމާ އެކު ހިދުމަތް ކުރުމެވެ.
ވާޗުއަލް ރިއަލިޓީ މެނޭޖަރެއްގެ ވަފީޒާ އަދާކުރާ ޝުބަމް ވަނީ ކެލިފޯނިއާ ޔުނިވަސިޓީން އިކޮނޮމިކްސް އިން ޑިގްރީ ހާސިލްކޮށްފަ އެވެ.
ގަވަރުނަރުގެ މަގާމަށް އަންނަން ފައި ނަގާފައިވާ އިރު، ޝުބަމް ބުނަނީ ރައްޔިތުން އޭނާ ހޮވަން ޖެހެނީ ކެލިފޯނިއާ ސިޓީ ބަދަލަކަށް ބޭނުންވާތީ ކަމަށެވެ. އަދި އޭނާ އިންތިހާބުކޮށްފި ނަމަ ކޮރަޕްޝަން ނައްތާލައި، ސަރުކާރު ހިންގުމުގައި ދެފުށް ފެންނަ ހަރުދަނާ ނިޒާމަކަށް ދާނެ ކަމަށް ބުންޏެވެ.
އިންތިހާބު ބޯމަތިވެފައިވާ އިރު، ޝުބަމް އަންނަނީ ވަރަށް ވަރުގަދަ އަށް ކެމްޕޭންކޮށް، އޭނާގެ ވައުދުތައް ވެސް ރައްޔިތުންނާ ހިއްސާ ކުރަމުންނެވެ. އަދި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނާ އެއްވެސް ޕާޓީއަކާ ނުގުޅި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރާތީ އެވެ.
"މި އިންތިހާބުގައި ވާދަކޮށްގެން އަހަރެން ދައްކުވައި ދޭން ބޭނުންވާ އެއް ކަމަކީ ސިޔާސީ ބޮޑު މަގާމަކަށް އަންނަން ކޮންމެހެން ސިޔާސީ ވަކި ފިކުރެއް މުހިއްމު ނުވާކަމާއި ސިޔާސީ ގޮތުން ވަރުގަދަ މީހުންގެ އެހީއާ ވެސް ނުލައި ބަދަލަކަށް މަސައްކަތް ކުރެވިދާނެކަން،" ޝުބަމް ބުންޏެވެ. "މި މޮޓޯގައި ނުކުމެ މި އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު މެސެޖަކަށް ވާނެ."
ކެލިފޯނިއާގެ ރައްޔިތުންނަށް ޝުބަމް ދޭން އޮތް މެސެޖަކީ މިއެވެ؛ އަހަންނަށް ވޯޓް ދީގެން އިންތިހާބުކޮށް ދޭށެވެ. ކެލިފޯނިއާގެ ރަން ޒަމާނުގެ ތެރެއަށް އަލުން ރައްޔިތުން ގެންގޮސް ދޭނަމެވެ.