އެއާ ޑިފެންސް ސިސްޓަމް މައްސަލާގައި ގަތަރަށް ހަމަލާދޭން ސައުދީން އުޅުނު: ރިޕޯޓް
އެއާ ޑިފެންސް ސިސްޓަމް މައްސަލާގައި ގަތަރަށް ހަމަލާދޭން ސައުދީން އުޅުނު: ރިޕޯޓް

ޕެރިސް (ޖޫން 3) - ރަޝިޔާގެ އެސް-400 އެއާ ޑިފެންސް މިސައިލް ސިސްޓަމް ގަނެފި ނަމަ ގަތަރަށް ހަމަލާ ދޭން ސައުދީން އުޅުނު ކަމަށް ފްރާންސްގެ ނޫހެއް ކަމަށްވާ ލެ މޮންޑެ އިން ބުނެފި އެވެ.

ނޫހަށް ލިބިފައިވާ ހެކިތަކަށް އިޝާރާތްކޮށް، ލެ މޮންޑެ އިން ބުނީ ރަޝިޔާގެ ސިސްޓަމް ގަތަރުން ގަތުން ހުއްޓުވައިދިނުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ އަރިހުން ސައުދީން އެދިފައިވާ ކަމަށެވެ.

ސައުދީން މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ސަރަހައްދީ ގައުމުތަކާ ގުޅިގެން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. އަދި ޔޫއޭއީ، ބަހުރޭން، މިސްރާ ގުޅިގެން ސައުދީން ވަނީ ގަތަރާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

ގަތަރު އެކެހެރިކޮށްފައިވާތީ އެ ގައުމުން ވަނީ އާ ރަހުމަތްތެރިއެއް ކަމަށްވާ ރަޝިޔާގެ އެހީތެރިކަން ހޯދަން ފަށައިފަ އެވެ. ގަތަރުން ވަނީ އެސް-400 އެޑްވާންސްޑް ސިސްޓަމް ގަތުމާ ގުޅޭ ގޮތުން ރަޝިޔާއާ މަޝްވަރާ ކުރަމުންދާ ކަމަށް ޖެނުއަރީ މަހު ބުނެފަ އެވެ.

ފްރާންސްގެ ރައީސް އަށް ސައުދީ ރަސްގެފާން ސަލްމާން ފޮނުއްވި ސިޓީގައި ވަނީ ގަތަރާއި ރަޝިޔާގެ ގުޅުމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަޝިޔާގެ އެއާ ޑިފެންސް ސިސްޓަމް ގަތަރަށް ފޯރުކޮށްދިނުން ހުއްޓުވަން އަސްކަރީ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރަން ތައްޔާރަށް އޮތް ކަމަށް ސަލްމާން ވަނީ މެކްރޮން އަށް ދަނަވައިފަ އެވެ.