03 ޖޫން 2018 - 13:31

މެންޗެސްޓާ (ޖޫން 3) - ކޯޗިން ކެރިއަރުގެ ފަހު ކޮޅުގައި ގައުމީ ޓީމަކަށް ކޯޗުކޮށްދިނުމަކީ ދެކޭ ހުވަފެނެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ކުރިން ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރަކަށް ކުޅުނު ގާޑިއޯލާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗެވެ. އޭނާގެ ކޯޗިން ފިލޯސަފީ އަށް ގިނަ ބަޔެއްގެ ތާއީދު ލިބިފައިވާއިރު، އޭނާ ވަނީ އެ ވިސްނުމުގައި މަސައްކަތްކޮށް ބާސެލޯނާ އާއި ބަޔާން މިއުނިކްގައި ކާމިޔާބު ހޯދައިފަ އެވެ. އަދި މި ސީޒަނުގައި މެންޗެސްޓާ ސިޓީން ދެއްކި ކުޅުމާ އެކު ގާޑިއޯލާގެ ސްޓައިލް އެ ޓީމުން ވެސް ވަނީ ފެންނަން ފަށައިފަ އެވެ.
ބެލްޖިއަމްގެ އެޗްއެލްއެން އަށް ދިން އިންޓަވިއުއެއްގައި އުމުރުން 47 އަހަރުގެ ގާޑިއޯލާ ބުނީ ކޯޗިން ކެރިއަރުގެ ފަހު ކޮޅުގައި ގައުމީ ޓީމެއްގެ ބެންޗުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ކޮންމެ ކާމިޔާބު ކޯޗެއް ވެސް ގައުމީ ޓީމެއްގައި މަސައްކަތް ކުރަން ބޭނުންވާނެ. ހަމަ އެ ގޮތަށް ބަލާއިރު އަހަރެން ވެސް ބޭނުން ގައުމީ ޓީމަށް ކޯޗުކޮށްދޭން. އަހަރެން ބޭނުން ގައުމީ ޓީމަކަށް ޔޫރޯ އެއް ނޫނީ ވޯލްޑް ކަޕްގައި ކޯޗުކޮށްދޭން،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ މި ވަގުތު އޭނާގެ ފޯކަސް ހުރީ ކްލަބް ކޯޗިންގައި ކަމަށެވެ.
"މި ވަގުތު އަހަރެން ބޭނުންވަނީ ކްލަބް ކޯޗިން އިން ކުރިއަށްދާން. އެއީ ގައުމީ ޓީމުގެ ކޯޗުކަން ކުރެވޭނީ ވަރަށް ތަޖުރިބާ ލިބިގެން. އެއީ ނަތީޖާ ނެރެން ލިބޭނީ މަދުވަގުތެއް. މަދު މެޗެއް. ކްލަބްގައި ލިބޭނެ މިއަދު ހަދާ ގޯސްތައް މާދަމާ ރަނގަޅުކުރަން ފުރުސަތު. އެކަމަކު ގައުމީ ޓީމު މެޗުތައް ހުންނަ ގޮތުން އެހެނެއް ނުވާނެ. އެ ލެވަލަށް ދާން ވަރަށް ތައްޔާރުވާން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ އަހަރު އާޖެންޓީނާގެ ކޯޗުކަން އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް ހުށަހެޅުމުން އޭނާ ވެސް އެ ފުުރުސަތު ދޫކޮށްލީ ގައުމީ ޓީމަކާ ހަވާލުވާނީ ކޯޗިން ކެރިއަރުގެ ފަހު ކޮޅުގައި ކަމަށް ބުނެފަ އެވެ.