"ބުރައްމަސްތުރާ" ގެ ދެވަނަ ޝެޑިއުލަށް ތައްޔާރު ވާން ފަށައިފި
"ބުރައްމަސްތުރާ" ގެ ދެވަނަ ޝެޑިއުލަށް ތައްޔާރު ވާން ފަށައިފި

އަންނަ އަހަރު ރިލީޒްކުރާ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމް "ބުރައްމަސްތުރާ" ގެ ދެވަނަ ޝޫޓިން ޝެޑިއުލަށް ތައްޔާރުވާން ފަށައިފި އެވެ.

މި ފިލްމަކީ ޔެ ޖަވާނީ ހޭ ދީވާނީ (2013) ގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމްގެ މައިގަނޑު ކާސްޓުންނަކީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން އަމީތާބް ބައްޗަން އެވެ.

ފެންޓަސީ/އެޑްވެންޗަ ފިލްމް "ބްރައްމަސްތުރާ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މި އަހަރުގެ ކުރީކޮޅު ވަނީ ބަލްގޭރިއާގައި ނިންމާލައިފަ އެވެ. އެކަމަކު އެ ފަހަރު އަމީތާބް ފިލްމްގެ ކްރޫއަކާ ނުގުޅެ އެވެ.

އެކަމަކު ދެވަނަ ޝޫޓިން ޝެޑިއުލްގެ ތައްޔާރީތައް އަމީތާބާ އެކު މިހާރު ކުރިއަށްދާ އިރު، އޭނާ ވަނީ އާލިއާ އާއި ރަންބީރާއި އަޔާންއާ އެކު ސްކްރިޕްޓް ސެޝަންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން މިހާތަނަށް ހަދާ އެންމެ އަގު ބޮޑު ފިލްމް "ބްރައްމަސްތުރާ" އަކީ ތިން ބަޔަކަށް ބަހާލައިގެން ގެނެސްދޭ ޓްރިލޮޖީއެކެވެ. ފިލްމްގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ފުރަތަމަ ބައިގެ ބަޖެޓަކީ 250 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) އެވެ.

ޕްލޭންކޮށްފައި އޮތް ގޮތުން މި ފިލްމްގެ ވާހަކަ އެއްކޮށް ކިޔައިދީ ނިންމާނީ ޖުމްލަ 8 އަހަރުގެ ތެރޭގަ އެވެ.

ގިނަ ބަޔަކު "ބުރައްމަސްތުރާ" އަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އިރު، މި ފިލްމްވެގެން ދާނީ އާލިއާ އާއި ރަންބީރްގެ ޖޯޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

އަނެއްކޮޅުން އެ ދެ ތަރިން މިހާރު ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅޭތީ، ދެ މީހުންގެ ކެމިސްޓްރީ ބަލައިލުމުގެ ޝައުގުވެރިކަން ވެސް ބޮޑެވެ.

އާލިއާގެ އެންމެ ފަހުގެ ފިލްމް "ރާޒީ" 100 ކްރޯޑް ކުލަބަށް ވަދެ، އަދިވެސް ވަރުގަދަ އަށް ބޮކްސް އޮފީހުގައި ވިޔަފާރި ކުރަމުން އަންނަ އިރު، ރަންބީރުގެ "ސަންޖޫ" މި މަހުގެ 29 ގައި ސިނަމާތަކަށް އަންނާނެ އެވެ.

ދާދި ފަހުން ރިލީޒް ކުރި "100 ނޮޓް އައުޓް" އަށް ފަހު އަމީތާބް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ނޮވެމްބަރު 7 ގައި ރިލީޒް ކުރާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ބޮޑު ބަޖެޓް ފިލްމް "ތަގްސް އޮފް ހިންދުސްތާން" އިންނެވެ.