03 ޖޫން 2018 - 12:24

ސިޑްނީ (ޖޫން 3) - ނިއު ސައުތު ވޭލްސްގެ އައްސޭރިން ބޭރަށް އާގު ބޯޓެއްގެ ކޮންޓެއިނާތަކެއް ކަނޑަށް އެޅުމާ ގުޅިގެން ސަމާލުވުމަށް އޮސްޓްރޭލިއާ އިން އަންގައިފި އެވެ.

ސިޑްނީގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް މިހާރު ވެސް ދަނީ ނެޕީ އާއި ސާޖިކަލް މާސްކް އަދި ސެނިޓަރީ ސާމާނު ލައްގަމުންނެވެ. މި ތަކެތި ދިރުވާލައިފި ނަމަ ބޮޑު މަހާއި ކަނޑުގެ އެހެން ދިރުންތަކަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
ޓައިވާނުގެ ކުންފުންޏަކުން ދުއްވާ ބޯޓުގައި ހުރި ކޮންޓެއިނާތައް އަރިއަޅާލައި ކުއްލި އަކަށް ކަނޑަށް ފައިބެން ދިޔައީ ޓަސްމޭން ކަނޑުގައި ދަތުރުކޮށްފައި ދަނިކޮށް ނެގި ބޮޑު ރާޅަކާ އެކު އެވެ. އަރިއަޅާފައިވާ ބައެއް ކޮންޓެއިނާތައް ހުޅުވި އޭގައި ހުރި އެއްޗިތައް ބޭރުވަމުންދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.
ކަނޑަށް އެޅުނު ކޮންޓެއިނާތަކަކީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކަށް ނުރައްކަލެއް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
"40 ފޫޓުގެ ކޮންޓެއިނާތައް ކަނޑުމަތީގައި އޮޔާދާއިރު ޚާއްސަކޮށް ރޭގަނޑު ވަރަށް ނުރައްކާވާނެ،" ރޯޑްސް އެންޑް މެރިން ސާވިސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަންގަސް މިޝޭލް ވިދާޅުވި އެވެ.
ލައިބީރިއާގައި ރަޖިސްޓްރީކޮށްފައިވާ ވައިއެމް އެފިޝެންސީ ދަތުރު ކުރަމުން ދިޔައީ ޓައިވާނުން ސިޑްނީގެ އިރުމަތީ ބަނދަރަކަށެވެ.