އާ ބަދަލުތަކާ އެކު އުރީދޫ "ޓެކްސްޓް އަ ކޮފީ" މިހާރު މާ ސަޅި!
އާ ބަދަލުތަކާ އެކު އުރީދޫ "ޓެކްސްޓް އަ ކޮފީ" މިހާރު މާ ސަޅި!

މެސެޖަކުން ކޮފީއެއް ހަދިޔާ ކޮށްލެވޭ ގޮތަށް އުރީދޫ އިން 2015 ވަނަ އަހަރު ފެށި "ޓެކްސްޓް އަ ކޮފީ" ޚިދުމަތަށް ޝައުގުވެރި ބަދަލުތަކެއް ގެނެސްފި އެވެ.

އުރީދޫ އިން ރޭ އިއުލާނު ކުރި ބަދަލުތަކާ އެކު "ޓެކްސްޓް އަ ކޮފީ" މެދުވެރިކޮށް، ސޭންޑްވިޗް ބާ އާއި މޫވެންޕިކް އަދި ހުޅުމާލޭގެ މަޝްހޫރު ކެފޭ ލަޔާ އިން ކޮފީ އާއި ސޭންޑްވިޗްގެ އިތުރުން އައިސްކްރީމް ހަދިޔާކޮށްލެވޭނެ އެވެ.

"ކޮންމެ ނެޓްވޯކެއްގައި އުޅުނަސް މި ޚިދުމަތާ އެކު ކޮފީ ހަދިޔާ ކުރެވޭނެ. އަދި އުރީދޫގެ ޕޯސްޓްޕެއިޑްގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުންކޮށްގެން ރައްޓެހިންނަށް ކޮފީ ދެވިދާނެ،" އުރީދޫގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ޓެކްސްޓް އަ ކޮފީ"ގެ ޚިދުމަތް ލިބޭނީ މައި އުރީދޫ އެޕް ނުވަތަ އެކަމަށް ޚާއްސަ ވެބް ޕޯޓަލް (ore.do/txtcofy) މެދުވެރިކޮށެވެ.

"ޕޯސްޓްޕެއިޑް ކަސްޓަމަރެއް ނަމަ އެ މީހެއްގެ ބިލަށް އިތުރުވާނީ. ޕްރީޕެއިޑް ކަސްޓަމަރުންގެ ކްރެޑިޓް ލިމިޓަށް އަރާނީ. ކޮފީ ހަދިޔާކުރާ މީހާ އަށް މެސެޖަކުން ކޯޑެއް ލިބޭނެ، އެ ތަނަކަށް ގޮސް ކޯޑު ބުނީމަ ކޮފީ ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޚިދުމަތަށް ކުރިއަށް އޮތް ތަނުގައި އިތުރު ކެފޭތަކާއި ރެސްޓޯރަންޓްތައް އިތުރު ކުރާނެ ކަމަށެވެ.

އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ ކުރިން ވެސް މި ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އައި ކަމަށެވެ. އަދި އާ ޕޯޓަލް އާއި އެހެނިހެން ބަދަލުތަކާ އެކު، "ޓެކްސްޓް އަ ކޮފީ"ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދާނެ ކަކަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ގައުމުތަކާ ޚިލާފަށް، ކޮފީއަކަށް ދިއުން ރާއްޖޭގައި މާނަކުރެވެނީ ވަރަށް ތަފާތު ގޮތަކަށް. އެއީ ކޮންމެވެސް އެއްޗެއް ކެއުމަށް ނުވަތަ ބުއިމުގެ ބަހަނާގައި، އާއިލާ ނުވަތަ ރައްޓެއްސަކާ ދިމާވެލުން. މިގޮތުން، އުރީދޫގެ ޓެކްސްޓް އަ ކޮފީ ވެސް ފޯރުކޮށްދެނީ ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލަން، ވަރަށް ތަފާތު ފުރުސަތެއް،" ނިޔާ ވިދާޅުވި އެވެ.