03 ޖޫން 2018 - 11:34

ޚާން ޔޫނުސް (ޖޫން 3) - އިޒްރޭލުގެ އުދުވާނުގެ ކުރިމަތީގައި އާދަޔާޚިލާފު ހިތްވަރެއް ދެއްކި ފަލަސްތީނުގެ ނަރުސް ރަޒާން އަލް ނައްޖާރުގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ނައްޖާރު ޝަހީދުކޮށްލާފައި ވަނީ ޒަޚަމްވެގެން ވެއްޓުނު މީހަކަށް ފަރުވާ ދޭން ދަނިކޮށް އިޒްރޭލުގެ ސްނައިޕަރުގެ ހަމަލާއަކުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ނަރުހުގެ މަރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ޖަނާޒާގައި ނައްޖާރުގެ ސަންދޯއް ގާޒާގެ މަގުތަކުން ގެންދިޔަ އިރު އެތައް ހާސް ބަޔަކު ބައިވެރިވި އެވެ. ނައްޖާރުގެ ބައްޕަ ހުރީ ލެއިން ތަތްތެޅިފައިވާ ނައްޖާރުގެ ޖެކެޓް ހިފައިގެންނެވެ. ޖަނާޒާގައި ބައިވެރިވި އެހެން މީހުން ވަނީ އިޒްރޭލުގެ ކިބައިން ބަދަލު ހިފުމަށް ގޮވާލައިފަ އެވެ.
ފަލަސްތީނުގެ މެޑިކަލް ރިލީފް ސޮސައިޓީ އިން ބުނީ ނައްޖާރުގެ ގަޔަށް ބަޑި ޖެހީ ޚާން ޔޫނުސްގައި ކުރި އިހްތިޖާޖްގައި ޒަޚަމްވެގެން ވެއްޓުނު މީހަކަށް ފަރުވާ ދޭން ދަނިކޮށް ކަމަށެވެ.
"ސިއްހީ ޚިދުމަތް ދޭ މީހުންގެ ގަޔަށް ބަޑިޖެހުމަކީ ޖެނީވާ ކޮންވެންޝަންގެ ދަށުން ހަނގުރާމައިގެ ކުށެއް،" މެޑިކަލް ރިލީފް ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ނައްޖާރުގެ ޖަނާޒާ އަށް ފަހު ގާޒާ އިން އިޒްރޭލަށް ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ. ރައްދުގައި އިޒްރޭލް ސިފައިން ވަނީ ވައިގެ ހަމަލާ ދީފަ އެވެ.