ޒިދާނަށް ގަތަރުން 200 މިލިއަން ޑޮލަރުގެ މުސާރައެއް!
ޒިދާނަށް ގަތަރުން 200 މިލިއަން ޑޮލަރުގެ މުސާރައެއް!

ޕެރިސް (ޖޫން 3) - ދާދި ފަހުން ރެއާލް މެޑްރިޑްގެ ކޯޗުކަމުން އިސްތިއުފާދިން ޒިނެދިން ޒިދާނަށް ގަތަރުގެ ގައުމީ ޓީމުގެ ކޯޗުކަން ހުށަހެޅުމުން އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު ޒިދާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ގަތަރުގެ މީޑިއާތަކުން ވަނީ ގަތަރުގެ ގައުމީ ޓީމާ ހަވާލުވާން ޒިދާނަށް ބޮޑު މުސާރައެއް ހުށަހަޅައިފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން 2022 ގައި ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ނިޔަލަށް އަހަރަކު 50 މިިލިއަން ޔޫރޯ ލިބޭ ގޮތަށް 200 މިިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ގަތަރުން ވަނީ ހުށަހަޅައިފަ އެވެ.

ޒިދާން ރެއާލްގެ ކޯޗުކަން ދޫކޮށްލިކަން އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ކޯޗިންގެ މަސައްކަތުން އެއް އަހަރުގެ ބްރޭކެއް ނަގަން ވިސްނުން ހުރި ކަމަށް ބުނެފަ އެވެ.

"ލަ ޕެރީސިއަން" އިން ރިޕޯޓްކުރި ގޮތުގައި ގަތަރުގެ ހުށަހެޅުމާ މެދު ޒިދާން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

ރަަފައެލް ބެނިޓޭޒް މަގާމުން ދުުރުކުރުމަށް ފަހު ޒިދާނާ ރެއާލްގެ ކޯޗުކަން ހަވާލުކުރީ ޖެނުއަރީ 2016 ގަ އެވެ.

ރެއާލަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަކީ އެ ޝަރަފު ކޯޗަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ޒިދާން ވަނީ ރެއާލާ އެކު ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ދެ ފަހަރު އަދި ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރި އެވެ.