03 ޖޫން 2018 - 11:47

ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލި 7000 ފްލެޓަށް ފޯމު ބަލައިގަންނަން މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އަންނަ މަހުގެ ނިޔަލަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ފޯމު ބަލައިގަތުން ކުރިއަށް ދާނެ ކަމަށެވެ.
ފްލެޓަށް ފޯމު ހުށަހަޅަން އެދޭ ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އަދި ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރެ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ފްލެޓް ފޯމް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 10:30-1:30 އަށް އަދި ރޭގަނޑު 9:00-11:00 އަށް ކަމަށެވެ.
ފަޒާލް ވިދާޅުވި ގޮތުގައި ފޯމު ހުށަހަޅާ ނަމްބަރު ދޫކުރާނީ ފޯމް ބަލައިގަންނަ ގަޑި ހަމަވާން ބައި ގަޑިއިރަށް ވަންދެނެވެ.
"ފޯމް ބަލައިގަންނަ ވަގުތު ހަމަވުމުގެ 30 މިނެޓު ކުރިން ކިއުބީ އިން ފޯމް ނަމްބަރު ދޫކުރުން ހުއްޓާލާނެ،" ފަޒާލް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތައް 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ 704 މީހުންނަށެވެ.