04 ޖޫން 2018 - 09:32

ސަންޖޭ ދަތުގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމް "ސަންޖޫ" ރިލީޒްކުރަން ކުޑަތަންވަމުން އަންނަ އިރު، މި ފިލްމްގެ ބަތަލާއިން ކުޅެފައިވާ ރޯލްތަކާ ދޭތެރޭ ކުރެވޭ ސުވާލުތައް ގިނަ އެވެ. މި މަހުގެ 29 ގައި ރިލީޒް ކުރާ ފިލްމްގެ ޓްރެއިލާގައި ވެސް، ސަންޖޭގެ ރޯލް ކުޅުނު ރަންބީރު ކަޕޫރް ބުނާ ގޮތުގައި އޭނާގެ މައްސަލަ ބޮޑު ކެރިއަރުގައި 308 ލޯބިވެރިން ގެންގުޅުނެވެ.
ސުވާލަކީ އޭގެ ތެރެއިން ކިތައް ގުޅުން "ސަންޖޫ" ގައި ދައްކުވައި ދޭނެތޯ އެވެ؟
ކުރިން އަޑުތައް އަރާފައިވާ ގޮތުން އަނުޝްކާ ޝަރްމާ ފިލްމްގައި ކުޅުނީ ސަންޖޭ ލޯބީގެ ގުޅުމެއް ބޭއްވި މަދޫރީ ޑިކްސިޓްގެ ރޯލެވެ. އެކަމަކު ޓްރެއިލާ ރިލީޒްވި ހިސާބުން އެ ރޯލަކީ މަދޫރީގެ ރޯލް ނޫންކަން ވަނީ ކަށަވަރުވެފަ އެވެ. ހާއްސަ ފެނިލުމެއްގެ ގޮތުގައި އަނުޝްކާ ފެނިގެން ދާނީ ސަންޖޭ ބައޮގްރަފީ ލިޔަން ލަންޑަނުން އަންނަ ލިޔުންތެރިއެއްގެ ރޯލުންނެވެ.
ދެން އޮތް ސުވާލަކީ ސޯނަމް ކަޕޫރް ކުޅުނީ ކާކުގެ ރޯލެއް ހެއްޔެވެ؟ "ސަންޖޫ" ގެ ޓްރެއިލާ އިން ދައްކާ ހަމައެކަނި ލޯބީގެ ރޯލަކީ ސޯނަމްގެ ކެރެކްޓާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެއީ ސަންޖޭގެ ފުރަތަމަ ފިލްމް "ރޮކީ" ގެ ބަތަލާ ޓީނާ އަމްބާނީގެ ރޯލެވެ.
"ސަންޖޫ" ގައި މުހިއްމު ރޯލްތައް ކުޅުނު ބަތަލާއިންގެ ތެރެއިން ޓްރެއިލާ އިން ވެސް އަދި ޕޯސްޓަރަކުން ވެސް ދައްކައި ނުލާ ބަތަލާއަކީ ޓީވީ ސިލްސިލާތަކުން ވެސް ފެންނަ ކަރިޝްމާ ތަންނާ އެވެ. ގިނަ ބަޔަކު ބުނަނީ މަދޫރީގެ ރޯލް ކުޅުނީ އޭނާ ކަމަށެވެ.
އެކަމަކު ކަރިޝްމާ ހުރީ އެކަން ކަށަވަރުކޮށްދޭ ގޮތަކަށް ނޫނެވެ.
"ބޭނުމެއް ނޫން އެ ވާހަކަ އަދި ދައްކާކަކަށް. ހަމަ ގައިމު ވެސް ފިލްމްގެ ވަރަށް މުހިއްމު ރޯލެއް އަހަރެން ކުޅުނީ،" ކަލާޒުން ދައްކަން ތައްޔާރުވަމުން އަންނަ "ނާގިން 3" ގެ ބަތަލާ ބުންޏެވެ.
ކަރިޝްމާ ބުނި ގޮތުގައި މަދޫރީއަކީ އޭނާ އަބަދު ވެސް ވަރަށް ގަޔާވާ ބަތަލާއެކެވެ. އަދި ފިލްމެއްގައި މަދޫރީގެ ރޯލް ކުޅެން ލިބިއްޖެ ނަމަ ވަގުތުން އެއްބަސް ވާނެ ކަމަށް ވެސް ބުންޏެވެ. ކަރިޝްމާގެ މި ވާހަކަ ގިނަ މީހުން ސިފަ ކުރަނީ އޭނާ މަދޫރީގެ ރޯލް "ސަންޖޫ" ގައި ކުޅެފައިވާކަން ހެކިދޭ ވާހަކައެއްގެ ގޮތުގަ އެވެ.
"އަހަރެން ވަރަށް އުފާވި ރާޖްކުމާރް ހިރާނީ [ޑައިރެކްޓަރު] އާ އެކު މަސައްކަތްކޮށްލަން ލިބުނީ. ފުރަތަމަ ސަންޖޫ އިން އަހަންނަށް ލިބުނު ކެރެކްޓާ އެހާ ބޮޑެއް ވެސް ނޫން. އެކަމަކު އަހަރެންގެ އެކްޓިން ކަމުދިޔަލެއް ބޮޑުކަމުން ހިރާނީ ވަނީ ރަންބީރާ އެކު އަހަރެންގެ ލަވައެއް ވެސް ފިލްމްގައި ހިމަނާފައި،" ކަރިޝްމާ ބުންޏެވެ.
ކޮންމެއަކަސް ކަރިޝްމާގެ ރޯލް "ސަންޖޫ" ގެ ޓީމުން އޮތީ ވަރަށް ބޮޑަށް ހިފަހައްޓާފައިކަން ގަބޫލު ކުރެވެ އެވެ. އެއީ އެ ކެރެކްޓާއެއްގެ އެއްވެސް ހިލަމެއް އަދި ބެލުންތެރިންނަށް ގެނެސް ދީފައި ނުވާތީ އެވެ. އެހެންވެ އިންތިޒާރުކޮށްލަން ޖެހެނީ މި މަހުގެ 29 އަށެވެ. ކަރިޝްމާ ކުޅުނީ މަދޫރީގެ ރޯލްކަން ކަށަވަރު ވާނީ އެ ދުވަހު ފިލްމް ބަލާފައި އޯޑިއަންސާއި ކްރިޓިކުން ބުނާ އެއްޗަކުންނެވެ.
"ސަންޖޫ" ގެ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދިއާ މިރްޒާ ކުޅެފައި ވަނީ ސަންޖޭގެ މިހާރުގެ އަންހެނުން މަންޔަތާ ދަތުގެ ރޯލެވެ. މަނީޝާ ކޮއިރަލާ ކުޅެފައި ވަނީ ސަންޖޭގެ މަންމަ ނަރްގިސްގެ ރޯލެވެ.