"ރަންބޫމީ" ތަފާތު ވާނެ، މިއީ ކޮސްޓިއުމް ޑްރާމާއެއް: ވަރުން ދަވަން
"ރަންބޫމީ" ތަފާތު ވާނެ، މިއީ ކޮސްޓިއުމް ޑްރާމާއެއް: ވަރުން ދަވަން

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓްކުރާ ފިލްމް "ރަމްބޫމީ" އަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށާއި އޭނާ އެންމެ ތަފާތުކޮށް މިހާތަނަށް ފެންނާނެ ފިލްމަކީ ވެސް އެއީ ކަމަށް ވަރުން ދަވަން ބުނެފި އެވެ.

މިދިޔަ ފެބުރުއަރީ މަހު އިއުލާންކޮށް އަދި ޝޫޓިން ވެސް ނުފަށާ ފިލްމްގެ ބަތަލަކަށް ވަރުން ހަމަޖެއްސި ނަމަވެސް، ފިލްމްގެ އިތުރު ކާސްޓުން އަދި އިއުލާނެއް ވެސް ނުކުރެ އެވެ. މިއީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން ހަދާ ދެވަނަ ޕީރިއަޑް ޑްރާމާ އެވެ. "ރަންބޫމީ" ސިނަމާތަކަށް އަންނާނީ 2020 ގެ ދިވާލީގަ އެވެ.

އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރަން ތާވަލުކޮށް، މިހާރު ޝޫޓް ކުރަމުން އަަންނަ ބޮޑު ކާސްޓެއް ހިމެނޭ ކަރަންގެ އަގު ބޮޑު ފިލްމް "ކަލަންކް" ގައި ވެސް ވަރުން ހިމެނެ އެވެ.

މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއް ފްލޮޕްވެފައި ނުވާ އެކްޓަރު ސިފަކުރި ގޮތުގައި "ރަންބޫމީ" އަކީ "ކޮސްޓިއުމް ޑްރާމާ" އެކެވެ.

"މީގައި އަސްމަތީގައި ކުރާ ހަނގުރާމަތަކާއި ވަރަށް ވެސް ތަފާތު އަދި އެހާމެ ޝައުގުވެރި ދުނިޔެއެއްގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭނެ،" ދާދި ފަހުން ރިލީޒް ކުރި "އޮކްޓޯބާ" ގެ ބަތަލު ބުންޏެވެ. "މިކަހަލަ ފިލްމެއްގައި ފުރަތަމަ ފަހަރަށް މަސައްކަތްކޮށްލަން ލިބުނީމަ އަހަރެން މި ހުންނަނީ މަސައްކަތް ވެސް ފަށަން ވަރަށް ކެތްމަދުވެފައި."

ވަރުން ބުނި ގޮތުގައި "ރަންބޫމީ" އަކީ ކަރަން ވެސް އުފައްދާ ފުރަތަމަ ކޮސްޓިއުމް ޑްރާމާ އެވެ. އަދި މި ފިލްމްގައި ޝަޝަންކްއާ އެކު މަސައްކަތްކޮށްލަން އަނެއްކާ ވެސް ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށް ބުންޏެވެ.

ޝަޝަންކް ޑައިރެކްޓް ކުރި ފުރަތަމަ ދެ ފިލްމްގައި ވެސް ބަތަލުގެ ރޯލް ކުޅުނީ ވަރުން އެވެ. އެއީ 2015 ގައި ރިލީޒް ކުރި "ހަމްޓީ ޝަރްމާ ކީ ދުލް ހަނިޔާ" އާއި މިދިޔަ އަހަރު ރިލީޒްކޮށް 100 ކްރޯޑް ކުލަބަށް ވަން "ބަދްރީނާތު ކީ ދުލްހަނިޔާ" އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރު ލީޑް ރޯލުން ފެނިގެންދާ "ދަޅަކް" އެވެ. އެ ފިލްމް އަންނަ މަހުގެ 20 ގައި ރިލީޒް ކުރާނެ އެވެ.

ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ސެޕްޓެމްބަރު 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އިންނެވެ. މި ފިލްމްވެގެން ދާނީ ބަތަލާ އަނުޝްކާ ޝަރްމާއާ އެކު ވަރުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ވަރުންގެ ކުރިއަށް އޮތް އަނެއް ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ އެކަމަކު އަދި ނަން އިއުލާންކޮށްފައި ނުވާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމެވެ. މި ފިލްމްގެ ބަތަލާއަކީ ކެޓްރީނާ ކެއިފެވެ.