ސްކޯޝްގެ ރިދަމް24: މިހާރު މާ ފުރިހަމަޔަށް ވިންދު ބެލޭނެ
ސްކޯޝްގެ ރިދަމް24: މިހާރު މާ ފުރިހަމަޔަށް ވިންދު ބެލޭނެ

ކަސްރަތުކުރަމުންދާއިރު ހިތުގެ ވިންދު ބަލާ އުޅެނީ މޭމަތީ އަޅާ ކަމަރަކުންނެވެ. އެކަމަކު އެކަން މިހާރު ބަދަލުވެއްޖެއެވެ. އަތުގެ މުލައްދަނޑީގައި ކަމަރު އަޅާލައިގެން މިހާރު ހިތުގެ ވިންދު ބަލައިލެވެއެވެ. މިކަމަށް މަގުފަހިކޮށްދިނީ ސްކޯޝްގެ ރިދަމް ޕްލަސްއަށް ގެނައި ބޮޑު ބަދަލާއެކު ނެރުނު ރިދަމް24 އެވެ.

ރިދަމް24 އުފައްދާފައިވަނީ ސިލިކޮން އާއި ޕޮލިކާބޮނޭޓް ގުޅުވައިގެން ހަދާފައިވާ މަޑު އިލާސްޓިކް ބަންދަކުންނެވެ. މީގެ ސަބަބުން އަތުގައި ބަނދެލަން ފަސޭހައެވެ. މި ފަރުމާކޮށްފައިވަނީ އެންމެ ފަހުގެ "ޕާފޯމްޓެކް" ޓެކްނޮލޮޖީގެ އެހީގައި ހަމުގެ ދަށުން ހިތުގެ ވިންދު ބަލައިދޭ ރީނދުލާއި ފެހިކުލައިގެ ސެންސަރުތަކެއް ހިމަނައިގެންނެވެ. ކޮންމެ ކުލައެއްގެ މީހަކަށް ވިޔަސް ސައްހަ މައުލޫމާތު، މިއިން ހާމަކޮށްދެއެވެ.

މީގެ އަހަރުތަކެއް ކުރިން ސްކޯޝްއިން އުފެއްދި ރިދަމް ޕްލަސްއަށް ވުރެ، ރިދަމް24 އުޅެނީ އެތައް ދަރަޖައެއް ކުރީގައެވެ. ފަހުގެ ކަމަރުގައި 24ގަޑިއިރު ބެޓެރީ ބާރު ހިފަހައްޓައިދެއެވެ. މީގެ އިހުގެ މޮޑަލްއަށް ހިފަހައްޓާލެވެނީ 8ގަޑިއިރެވެ.

މިފަހަރުގެ އަނެއް މުހިއްމު ކުރިއެރުމަކީ ފެނަށް ނުގުޑާ ކަމެވެ. ރިދަމް24 އަތުގައި ބަނދެލައިގެން އެއްވެސް މައްސަލައެއް ނުޖެހި ފެތުމުގެ ސެޝަނެއް ނިންމާލެވެއެވެ. ހަމަ އެހާ މުހިއްމު އަނެއް ތަރައްގީއަކީ ފޯނާ ނުލައި ކަސްރަތު ބުރެއް ނިންމާލެވޭ ކަމެވެ. އެއީ ހުރިހާ މައުލޫމާތެއް ރައްކާކުރާނެ އިންޓާނަލް މެމޮރީއެއް ރިދަމް24ގައި ހިމެނޭތީއެވެ.

ރިދަމް24 ފަރުމާކޮށްފައިވަނީ ދުވުންތެރިންނާއި ފެތުންތެރިންނާއި ކަސްރަތަށް ބައިސްކަލު ދުއްވާ މީހުން އިޚުތިޔާރުކުރާނެ އެކި ޕްރޮގްރާމްތައް ހިމަނައިގެންނެވެ. އަދި ރަން ކީޕާ، މެޕް މައި ފިޓްނަސް އަދި ސްޓްރާވާ ފަދަ ކަސްރަތު އެޕްތައް، މިއިން ބޭނުންކުރެވެއެވެ.