03 ޖޫން 2018 - 08:07

ބުރާސްފަތި ދުވަހާ ގުޅޭ
މަޒްލާންގެ އެ ފަދަ ކޮންމެ ވާހަކައަކުން ބައްޕަގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދެއެވެ. ކޮންމެ ފަހަރަކު ވެސް އެ ކަން ވަނީ އެހެންނެވެ. އެ ފަހަރު ފިޔަވައެވެ. އެ ފަހަރު މަޒްލާނަށް ބައްޕަގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. ޖެނީއެކޭ އެއްފަދައިން ބައްޕައާއި މަޒްލާންގެ ކުރިމަތިލުން ވެސް ހިނގީ ދުލުގެ ބަހުރުވަޔަކުން ނޫނެވެ. ހިތުގެ އިހުސާސުންނެވެ.
"ކިހިނެއްވީ ބައްޕާ؟" މަޒްލާން ނުތަނަވަސްވެފައި އެހިއެވެ. "ކުރިން އެ ކަހަލަ ވާހަކައެއް ބުނީމަ އަހަރެންގެ ބުރިކަށީގަ ބައްޕަ ފިރުމާލާ! ހިތްވަރު ވެސް ދޭ! މި ފަހަރު ކިހިނެއް މިވީ؟"
މަޒްލާން ބަލަހައްޓައިގެން ހުއްޓައި އިންސާނެއްގެ ސިފަޔަށް ބައްޕަ ބަދަލުވިއެވެ. ޖިނާގެ ސިފަޔަށެވެ.
"ތީ އަހަރެން ވަރަށް ފޫހިވާ ސިފައެއް." މަޒްލާންގެ މޫނު އަނެއް ފަރާތަށް އަނބުރައިލައިފައި ބުންޏެވެ.
"ތިއޭ ބައްޕަ ބުނަން މި އުޅޭ ވާހަކައަކީ،" ބައްޕަ ބުނި އަޑު މަޒްލާނަށް އިވުނެވެ. "ބައްޕަ ދެކެ ކިތަންމެ ވަރަކަށް ރުޅިއަޔަސް ހެވޭ އެކަމަކު ދައްތަގެ މަންމައަކީ ހަމަ ދަރިފުޅުގެ ވެސް .."
"ވަރިހަމަ!" މަޒްލާން ގޮތެއް ދުލެއް ނުކުރިއެވެ. "އަހަރެން އޭނަޔަކަށް މަންމައެއް ނުކިޔާނަން."
"މަންމަ ނުކިޔުމަކުން ޙަޤީޤަތެއް ބަދަލެއް ނުކުރެވޭނޭ ދަރިފުޅާ!" ބައްޕަ މަސައްކަތްކުރީ މަޒްލާނަށް ވިސްނައިދޭށެވެ. "ވެދިޔަ ކަމެއް ނުވާ ކަމަކަށް ވެސް ނުހެދޭނެ. އަހަރެން މީ ދަރިފުޅުގެ ބައްޕަ. އޭނައަކީ މަންމަ."
މަޒްލާން އެނބުރިލިއެވެ. ބައްޕަގެ މޫނު ފެނުމުން މަޒްލާނަށް ކުރެވުނީ އެހެން ކަހަލަ ތަރުޖަމާއެކެވެ. ވީމާ، އެ ވާހަކަ އަހަން ބޭނުންވިއެވެ. ހިތުގައި އުފެދުނު ޝައްކު ޔަގީނަށް ބަދަލުކޮށްލުމުގެ ބޭނުމުގައެވެ.
"ކީކޭ ބުނަން ބައްޕަ ތި އުޅެނީ؟" މަޒްލާން އެހިއެވެ.
"ދަރިފުޅަށް މިހާރު އެނގޭނެ ބައްޕަ މި ތަނަށް މި އައީ ކީއްވެގެންކަން،" ބައްޕަގެ ރާގު ހަރުކަށިވިއެވެ. "މަންމައަށް ޖެއްސުންކުރުން ދެން ހުއްޓާލާ! ބައްޕަ ބުނި ބަސް އަނބުރާ ގެނެސްފިން."
"ތީ ބައްޕަގެ އުސޫލެއް ނޫން،" މަޒްލާނަކަށް ގަބޫލެއް ނުކުރެވުނެވެ. "ބައްޕަ ތިހެނެއް ނުބުނާނެ."
"އާނ!" މަޒްލާންގެ ކުރިމަތީގައި ބައްޕަ އެއްބަސްވިއެވެ. "ދަރިފުޅަށް ވަރަށް ރަނގަޅަށް ބައްޕަ އެނގޭ."
"އެކަމަކު ބައްޕައަކަށް އަހަންނެއް ނޭނގޭ،" މަޒްލާން ފަހަތަށް ޖެހިލިއެވެ. "އެކަކަށް ވެސް ދެނެއް އަހަންނެއް ނުހުއްޓުވޭނެ! އަހަރެން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލިއްޔާ ދެން އެންމެ ރަނގަޅުވާނީ. ދައްތަގެ މަންމަޔަށް ހަމްދަރުދީވާ މީހަކަށް އަހަރެން އިތުބާރެއް ނުކުރާނަން،" އަދި ވަރަށް މަޑުމަޑުން ބުނެލިއެވެ. "އެ ވަރިހަމަ މަގޭ ބައްޕަޔަސް."
މަޒްލާން ހުއްޓުވުމަކީ ކިހާ އުނދަގޫކަމެއްކަން ބައްޕައަށް ވިސްނެއެވެ. ގޯސްހެދުނީ އަމިއްލަޔަށެވެ. ދަރިފުޅަށް އެ ޒިންމާ ހަވާލުކުރެވުނީތީއެވެ.
"ދައްތައަށްޓަކާ އަހަރެން ހުއްޓުވަން.." މަޒްލާނަށް ބުނެވުނީ އެ ހިސާބަށެވެ.
"އާނ! ދައްތައަށްޓަކާ!" އެއްވެސް ޖެހިލުމެއް ނެތި ބައްޕަ ބުންޏެވެ. "އެއީ ވެސް ބައްޕަގެ ދަރިއެއް. އޭނަ ދެރަވާ ކަމެއް ނުކުރެވޭނެ. އެކަމަކު މަންމައަށް ދެން އުނދަގޫ ނުކުރާށޭ މި ބުނަނީ އެހެން ސަބަބެއް ވެސް އޮވެގެން. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބައްޕަ ވަޢުދުވެފަ އޮންނާނެ މަންމަ ލައްވާ ދައްތައަށް ދަރިފުޅު ކިޔުއްވަން. މަންމަ ރަނގަޅުވެގެން އެންމެ ފަހަރަކު އެ ކަން ކުރެވުނަސް ބައްޕަގެ ވަޢުދު ފުއްދުނީ. އެ ހިސާބުން ދެން ދަރިފުޅެއް ނުހުއްޓުވާނަން."
މަޒްލާން ވިސްނައިލިއެވެ. އަމިއްލަ ބައްޕައަށް އިތުބާރުކުރުމަކީ މަޒްލާނަށް ފަސޭހަކަމެއް ނޫނެވެ.
"އަހަރެން ތި ގޮތަކަށް އެއްބަހެއް ނުވާނަން،" މަޒްލާން ބުންޏެވެ. "އަހަރެން ބޭނުމީ ބަދަލުހިފަން. ބައްޕަ ފެށި ކުޅިގަނޑު ނިންމާނީ އަހަރެން. އަހަރެން އަތުގަ މިހާރު ބާރު އެބައޮތް."
ދަރިފުޅުގެ ވިސްނުން ހުރި ގޮތް ބައްޕައަކަށް ކަމަކުނުދިޔައެވެ.
"ތީ ގޯހެއް ދަރިފުޅާ!" އާދޭސް އަހާނެކަމުގެ އުންމީދުގައި ބައްޕަ ބުންޏެވެ. "މާ ބަސްގަބޫލު ނުކުރަން އުޅެންޏާ.."
"ސާޖިދުކޮއްކޮއަށް ހެދި ގޮތް މަށަށް ވެސް ހަދައިލާނީ ދޯ؟" މަޒްލާން ބުންޏެވެ.
ބައްޕައަށް ލިބުނު ވަރުގަދަ ސިހުން މަޒްލާނަށް ފެނުނެވެ. އެއާއެކު ބައްޕަގެ މޫނުމައްޗަށް ވެރިވީ ނުތަނަވަސް ކަމެކެވެ. މަޒްލާން ގާތަށް އައީ ހިންޏެވެ.
"ބައްޕަ ސިހުނީތަ؟" މަލާމާތުގެ ރާގެއްގައި މަޒްލާން ބުންޏެވެ. "އެކަމަކު ހައިރާނެއް ނުވި ދޯ؟ ބައްޕަ ބުނިހެން އަހަރެންމީ ސީދާ ބައްޕަގެ ނަޞްލު. ހަމައެކަނި ތަފާތަކީ ބައްޕަހާ ފިނޑި ނޫންކަން."
ބައްޕަގެ އަނގަ ބަންދުކޮށްލައިފައި މަޒްލާން މައްޗަށް އަރައިގެން ގޮސް ގެއްލުނީއެވެ.
ހާދީއަކީ، ގުރައިދޫގައި ހުންނަ މޮޔައިން ބަލަހައްޓާ މަރުކަޒުގައި އެންމެ ގިނަ ދުވަސްވީ މީހާއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާއިރު، ހާދީގެ ޢާއިލާއިން ވަނީ ހާދީ ދޫކޮށްލައިފައެވެ. ބޯހަރުކަމުންނެވެ. ބުއްދި ހަމަނުޖެހޭތީއެވެ. ކުރާކަށް ވަކި ކަމެއް ބުނާކަށް ވަކި އެއްޗެއް ހާދީއަކަށް ނޯވެއެވެ. އަންހެންދަރިންނާ ދިމާއަށް ވެސް ކިޔަނީ ކިޔާނެ އެއްޗެކެވެ. އެހެންކަމުން ހާދީ ބަލަހައްޓަނީ ސަރުކާރުންނެވެ. ގުރައިދުއަށް ޖިނާ އައިއިރު ހާދީއަށް ބޭސްދިނުމަކީ ހަނގުރާމައެކެވެ. އިންނާނީ ނިކަން މަޑުންނެވެ. އެކަމަކު ބޭސް ސަމުސާ ދިއްކޮށްލާއިރަށް އެ ގެންނަ މީހާގެ ގަޔަށް ބުރުވައިލައެވެ. ނިމޭއިރު ހާދީއަށް ބޭސްދޭން ޖެހޭނީ ގަދަކަމުންނެވެ. ޖިނާ ގެންގުޅުނީ މުޅިން ތަފާތު އުކުޅެކެވެ. ނަތީޖާ ވަރަށް ރަނގަޅެވެ. ޖިނާ އަތުން ބޭސް ބޯކަށް ހާދީ ދެކޮޅެއް ނަހަދައެވެ. ހާދީ އެކަންޏެއް ނޫނެވެ. އެ ތަނުގައި ތިބޭ ހުރިހައި ބަލިމީހުން ވެސް ޖިނާގެ ބަސްއަހައެވެ. އެއީ ސަމަދުގެ ކަންބޮޑުވުމަށް ލިބުނު ވަރަށް ބޮޑު ފަރުވާއެކެވެ.
އާދައިގެމަތިން ހާދީއަށް ބޭސްދިނުމަށް ފަހު ޖިނާ އެނބުރިލިއިރު ދޮރުމަތީގައި ސަމަދު ބަލަހައްޓައިގެން ހުއްޓެވެ. އަދި އައުމަށް އިޝާރާތް ކޮށްލިއެވެ. ބަސްއަހައިގެން ބޭސްބުއީތީ ހާދީއަށް ޝުކުރުއަދާކޮށް، ތަޢުރީފުކޮށްފައި ޖިނާ އެ ތަނުން ނުކުތެވެ. ދެ މީހުން އެކުގައި ވާހަކަދައްކަމުން ގޯތިތެރެއަށް ނުކުތެވެ.
"ތި ހާދީއަށް ބޭސްދޭން ޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ ސިކުނޑި ހަމަ ސުމަކަށްދޭ!" ސަމަދު ބުންޏެވެ. "އެކަމަކު މިހާރު އެއީ އެންމެ ފަސޭހަ ކަންތައް. އެއްދުވަހަކު އަހަރެން ދުށިން ބޭސްހިފައިގެން ޖިނާ އައިސް ހާދީ ގާތަށް ޖެހިލައިފައި އަނެއްކާ ދުރަށް ގޮސްލައިފަ އަނެއްކާ.. ކީއްތަ އެ ކުރީ؟"
"އެ ގޮތަށް ގާތަށް އައިއްސަ، ދުރަށް ގޮސް ހެދީމަ އޭގެ މާނައަކީ، އަހަރެންގެ ފަރާތުން އޭނަޔަށް އެއްވެސް ނުރައްކަލެއް ނެތޭ،" ޖިނާ ކިޔައިދިނެވެ. "ބުއްދި ގޯސްވެފަ ހުންނަ މީހެއްގެ ގަޔަށް އިންޖެކްޝަން ޖަހަން އަންނަ ޑޮކްޓަރެކޭ، ބޭސްދޭން އަންނަ މީހެކޭ، ހަމަލައެއް ދޭން އަންނަ މިނިކާވަގެކޭ ތަފާތެއް ނޯންނާނެ. ބަލިމީހާ ދެކޭނީ އޭނައަކީ ސިކާރައެއްކަމާ ދެން ހައްތާ ވެސް ތިބޭނީ ސިކާރަވެރިންކަމަށް. އެ ހިސާބުން ބަލިމީހާ ބޭނުންވާނީ ސެލްފްޑިފެންސް. އަމިއްލަ ނަފުސު ދިފާޢުކުރަން. އެކަމަކު ސިކާރަވެރިންނަކީ ހަމަލަދޭން އައިސްފަ ދުރަށްޖެހޭ ބައެއް ނޫން. އަހަރެން މި އަންގައިދިނީ އަހަންނަކީ ސިކާރަވެރިއެއް ނޫނޭ. އަހަންނަށް އިތުބާރު ކުރެވިދާނެޔޭ. އަހަރެން ގެއްލުމެއް ނުދޭނޭ. އެ ކަމުގަ ބައެއް ފަހަރު ވަރަށް ގިނަ ވަގުތު ވެސް ހޭދަ ވެދާނެ. އެކަމަކު އެއީ ކާމިޔާބު އުކުޅެއް. އިތުބާރު ހޯދޭނެ."
"ކުރުކޮށް ބުނަންޏާ، ގަދަބާރުން ނުކުރެވޭ ކަންތައް ލޯބިން ކުރެވިދާނޭ." ސަމަދު ކުރުކޮށްފައި ފޮނިކޮށްލިއެވެ.
"ރަނގަޅު!" ޖިނާ އެއްބަސްވިއެވެ. "ދެން ކޮބާ އަހަރެން ބުނި ކަންތައް؟"
ވާހަކަދައްކަމުން ގޮސް ދެ މީހުން ޖޯލީގައި އިށީނދެލިއެވެ. ކުރިމަތީގައި ހުރި ގަހުގައި އެލުވައިފައި ހުރި ޖޯލީގައި ޒޫނާ އޮތެވެ. މައްޗަށް ބަލަހައްޓައިގެންނެވެ. ފިކުރުތަކުން އޭނަ ހުސްވެފައިވާ ކަހަލައެވެ. ސަމަދާ ވާހަކަދެއްކިއިރު ވެސް ޖިނާގެ ދެ ލޯ ސީދާކުރެވިފައި ހުންނަނީ ޒޫނާއަށެވެ.
"އެ ވާހަކަދައްކާށޭ މި އައީ،" ސަމަދު ބުންޏެވެ. "އެބައާދޭ ލޯންޗެއް. އެ ލޯންޗު މާލެއިން ފުރާނެ ދެ ދުވަސް ފަހުން. އެބަހުރި ޖާގަ ވެސް. ޖިނާ މާލެއަށް ޖައްސައިލައިފައި ދެ ދުވަސް ފަހުން މި ކޮޅަށް އާދެވޭނެ."
"ސަޅި!" ޖިނާ އުފާވެފައި ބުންޏެވެ. "މި ޒޫނާގެ ކޭސް މީ ހާދަ އެހެންކަހަލަ.."
"ވަރަށް ހިތްދަތި، އަސަރުގަދަ ކޭހެއް އެއީ،" ސަމަދު ފޯނުން ފޮޓޯތަކެއް ދައްކައިލަމުން ބުންޏެވެ. "މީ އޭނަ މި ކޮޅަށް އައިއިރު ހުރި ގޮތް. އަހަންނަށް އަޑުއިވިފަ އޮތްގޮތުން ރައްޓެހިންތަކަކާ އެކީގަ ޒޫނާ ރަށަކަށް ޕިކުނިކު ދިޔަކަމަށް ވަނީ. އެ ދަތުރުގަ މާ ލޯބިވާ ފިރިހެނަކާ ދިމާވީޔޯ ކިޔަނީ. އެކަމަކު ޒޫނާޔާ އަވަލެވީ އެ ފިރިހެންމީހާގެ ސިފައިގަ ހުރި ޖިންނިޔެކޯ!"
ސަމަދު އެ ދައްކަނީ ކާކުގެ ވާހަކައެއްކަން ޖިނާއަށް އެނގެއެވެ.
"ގަބޫލުކުރެވޭ؟" ޖިނާ ސުވާލުކުރިއެވެ.
"ކިހިނެއް ގަބޫލުކުރާނީ؟" ސަމަދު ބޯކަހައިލައިފައި ބުންޏެވެ. "މިތާނގަ މި އުޅޭ ކޮންމެ ޕޭޝަންޓެއްގެ ވެސް އޮންނާނެ ސްޓޯރީއެއް. ބައެއް މީހުން ކިޔައިވެސްދޭނެ. އަހަންނަށް އެނގޭ އެއްޗަކީ ތިމާގެ ހޭބުއްދި ފިލައިދިޔުމުގެ ކޮންމެވެސް ސަބަބެއް އޮންނަންވާނެކަން. އެ ކަހަލަ ޕޭޝަންޓުން ރަނގަޅުވުމުގެ އެހީއަކަށް ވޭ އަލުން އެކަހަލަ ހާދިސާއެއް ދިމާވުން. ޖިނާއަށް މާ ރަނގަޅަށް އެނގޭނެކަންނޭނގެ. ހިތާމަވެރި ހާދިސާ ދިމާވެފަ ތިބޭ މީހުން ރަނގަޅުވާ ވަގުތު ރޮއިގަނޭ. ބިރުވެރި ހާދިސާ ދިމާވެފައި ތިބޭ މީހުން ރަނގަޅުވާ ވަގުތު ހަޅޭއްލަވައިގަންނާނެ. އެ ލިބުނު ޝޮކު ވިއްޔަ މައްސަލައަކީ. ޒޫނާއަކީ ވަރަށް ޔުނީކް ކޭސްއެއް."
ޝާޒްލީ އެނދުގައި އޮށޯވެލައިގެން އޮތްއިރު ޢިޝާނަމާދަށް ބަންގިގޮވާ އަޑު އިވެއެވެ. އެނދު ކައިރީގައި ހުރި މޭޒުމަތީގައި ދިޔާ ބޭސްފުޅިޔަކާއި، ގުޅަ ބޭހާއި، އައިސް ފެންތަށްޓެއް ހުއްޓެވެ. ޝާޒްލީގެ ނިތްކުރިމަތީގައި އޮތް ރުމާ ނަގައިފައި، ފެނުން ތެންމައިލައިފައި އަނެއްކާ ވެސް ނިތްކުރިމަތީގައި ބޭއްވިއެވެ. އެކަމަކު ހުން މަޑެއް ނުވެއެވެ. އެ ވަގުތު އަޒީޒާ ވަނެވެ. އަޒީޒާއަކީ ޝާޒްލީގެ މާމައެވެ. ޖިނާގެ މަންމައެވެ.
"ކޮބާ ދަރިފުޅާ!" އަޒީޒާ ބުންޏެވެ. "އަދިވެސް ހުން މަޑެއް ނުވޭ؟"
ޝާޒްލީއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ފޯނު ރަނގަބީލުވާން ފެށިއެވެ.
"ހަލޯ!" ބަލި އަޑަކުން ޝާޒްލީ ބުންޏެވެ.
"ހަލޯ!" ޖިނާ ޖަވާބުދިނެވެ. "ކިހިނެއް ދަރިފުޅާ؟ ބަލިވެތަ ތިއުޅެނީ؟"
ބައްޕަ ކުރި ސުވާލަކަށް ޝާޒްލީ ޖަވާބެއް ނުދެއެވެ. ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ.
"ބައްޕަ ކޮންއިރަކުން އަންނަނީ؟" ޝާޒްލީ އެހިއެވެ.
ނުނިމޭ