26 ޖުލައި 2016 - 13:03

އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް މާދަމާ ރޭ ޕޮލިހަށް ހާޒިރުވާން އަންގައިފި އެވެ.
ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބުނީ އިޔާޒު ފުލުހަށް ހާޒިރު ކުރަނީ އެ މުއައްސަސާ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. އެހެންވެ މާދަމާ ރޭ ނުވައެއް ޖަހާ އިރު ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ހާޒިރުވާން އަންގާފައި ވެ އެވެ.
ފުލުހުންގެ ތަރުޖަމާނު އަދި ޑރ. އިޔާޒު ފޯނު ނުނަންގަވާތީ މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
ކުރި ޓްވީޓަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް އިއްޔެ ވަނީ ފުލުހަށް ހާޒިރުކޮށް ކޯޓު އަމުރެއްގެ ދަށުން ފޯނު އަތުލައިފަ އެވެ. އަލީ ހުސައިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތް ލައިފި ނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.