އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް އަރުވައިފި
އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް އަރުވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީން މިއަދު އަރުވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް އަރުވައިފި
އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް އަރުވައިފި

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ހަފުލާއެއްގައި، އެ ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓު ނަޝީދާ ހަވާލުކޮށްދެއްވީ ޗެއާޕާސަން ހަސަން ލަތީފެވެ. ނަޝީދުގެ ފަރާތްޕުޅުން ޓިކެޓާ ހަވާލުވެވަޑައިގަތީ އެމަނިކުފާންގެ ކެމްޕެއިން މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ލަންކާގައި މިހާރު އުޅުއްވާ ނަޝީދު ވަނީ މިއަދުގެ ހަފުލާގައި ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.

ހަސަން ލަތީފް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުން ކަމަށާއި އެ ޕާޓީން ހުށަހަޅާނެ ކެންޑިޑޭޓަކީ ނަޝީދު ކަމަށެވެ.

"ރައީސް ނަޝީދަކީ ސިންގަލް ކެންޑިޑޭޓް ކަމަށް ހެދުމަށް ކުރެވުނު މަސައްކަތެއް އަޅުގަނޑުމެން ކުރާނަން." ހަސަން ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ އަމުރަކުން ހުއްޓާލަން އަންގާފައި ވަނިކޮށް، މިދިޔަ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ 43،922 ވޯޓުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. ޕްރައިމަރީގައި އެމަނިކުފާނާ އެއްވެސް ބޭފުޅަކު ވާދައެއް ނުކުރައްވަ އެވެ.

މި ނަތީޖާއާ އެކު، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ވިޔަސް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބަލައި ނުގަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ސަބަބަކީ، ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު އެމަނިކުފާނށް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ހަސަން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަކީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަކަށް ކަން ކުރާ ކޮމިޝަނެއް ކަމަށެވެ. އެމްޑީޕީ ވަކި ގޮތެއް ކަނޑައަޅާނީ އެ ކޮމިޝަނުން އަޅާ ފިޔަވަޅަކަށް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ، ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އިންތިހާބު ހުއްޓުވަން ސިވިލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް އަރުވާފައިވާއިރުމ އިދިކޮޅު ކޯލިޝަނުން އެއްބަސްވެފައި ވަނީ ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމަށެވެ. އެގޮތަށް އެއްބަސްވެފައި ވަނިކޮށް ނަޝީދު އެމްޑީޕީގެ ޓިކެޓް ހޯދެއްވުމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ އިސްބޭފުޅުން ވަނީ ބަހުގެ ހަަމަލާތަކެއް ދީފަ އެވެ. އަދި އިދިކޮޅު އެހެން ޕާޓީތަކުގެ ވެރިން، ނަޝީދާއި އެމްޑީޕީގެ އަމަލާ މެދު ހިތްހަމައެއް ވެސް ނުޖެހެ އެވެ.